ބޮޑު ކާސްޓެއް ފެނިގެންދާ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "މާމުއި"ގެ ހާއްސަ ފެނިލުމަކުން ކުރީގެ މަޝްހޫރު ބަތަލު އިސްމާއިލް ވަޖީހު ފެނިގެންދާ ކަން އެ ޓީމުން ހާމަކޮށްފި އެވެ.

ދިވެހި ފިލްމު އިންޑަސްޓްރީ އަށް އަބަދު ވެސް މަޝްހޫރު މޫނު ވަޖީހު ފެންނާނެ ކަމުގެ ހަބަރު ވެގެންދާނީ ހަމަގައިމުވެސް އޭނާގެ ފޭނުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ.

އަންނަ އަހަރުގެ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ވަޖީހު ފިލްމުން ފެނިގެންދާނެ ހުރިހާ މަންޒަރެއް މިހާރު ޝޫޓްކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަންޒަރުތައް ނަގާފައި ވަނީ ޔޮޓް އެއްގައި ކަމަށެވެ.

"ވަޖީހު އަކީ ވަރަށް ގާތް ރަހުމަތްތެރިއެއް. ފިލްމުގެ ތަންކޮޅެއް ކުޅެދޭން ބުނުމުން ވަގުތުން އާނ ބަސް ބުނި،" މޮގާ ބުންޏެވެ.

ވަޖީހު ވަނީ ގިނަ ދިވެހިންގެ ހިތްތަކާ ކުޅެލާވަރުގެ ގިނަ އަދަދެއްގެ ލަވަތަކަކާއި ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދީފަ އެވެ.

މިހާރު ކުރިއަށްދާ މަސައްކަތަކީ ފިލްމުގެ މައިގަނޑު ޝޫޓިން ފެށުމުގެ ކުރިން ނަގަންޖެހޭ ބައެއް މަންޒަރުތައް ނެގުމުގެ މަސައްކަތް ކަމަށާއި ރޯދަ އަށް ކުޑަ ބްރޭކް އެއް ނެގުމަށް ފަހު ބޮޑު ޝޫޓިންގެ މަސައްކަތް ފަށާނެ ކަމަށް މޮގާ ސަން އަށް ބުންޏެވެ.

އެ ފިލްމަކީ އައިޝަތު ފުއާދު އަދި އަލީ ޝިފާއުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރުކުރާ ތަފާތު ފިލްމެކެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.

ކާމިޔާބު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ އެ ފިލްމުގެ ކާސްޓަށް އިތުރުވި ތަރިންނަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް އެވެ.

ފިލްމު މާމުއި އިން މި ދާއިރާ އަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ހިމެނޭނެ އެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓް އިން ބުނީ އެ ފިލްމަކީ އެ ޓީމުން އުފައްދާ އެންމެ ބޮޑު އަދި އެންމެ ތަފާތު ޕްރޮޖެކްޓް ކަމަށެވެ.