09 May 2018, 12:11
ތެލްއަވީވް(09 މޭ): ޖަޕާނުގެ ބޮޑުވަޒީރު އަބޭ ޝިންޒޭ މިހާރު އިސްރާއިލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވި ޖާފަތުގައި އެރުވި "ޑެޒާޓެއް" މެޓަލުން ހަދާފައިހުރި ބޫޓަކަށް އަޅާފައިި ހުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވެއްޖެއެވެ.
ނަތަންޔާހޫއަށް ފަރިއްކޮޅު ތައްޔާރުކޮށްދޭ އިސްރާއިލުގެ މަޝްހޫރު ކައްކާ މޮޝޭ ސާޖޭވް ތައްޔާރުކުރި ޗޮކްލެޓް ޑެޒާޓް ފެނިފައި އިސްރާއިލާއި ޖަޕާނުގެ ޑިޕްލޮމެޓުންނަށްވެސް ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެވިއެވެ.
" ޖަޕާނުގެ ސަގާފަތުގައި ބޫޓަށް ވުރެ ދަށުދަރަޖައިގެ އެއްޗެއް ނޯންނާނެ. ޖާޕާނުގައި ގޭގައިވެސް ބޫޓަށް އަރައިގެން ނޫޅޭނެ. އަދި އޮފީސްތެރޭގައި ނޫޅޭނެ. މިއީ ވަރަށް ބޭއިހްތިރާމްގެ އަމަލެއް،" އިސްރާއިލްގެ އޮފިޝަލަކާ ހަވާލާދީ އިސްރާއިލުގެ ދުވަހު ނޫހެއް ކަމަށްވާ ޔެދޮއޮތު އަހަރުނޯތުއިން ބުންޏެވެ.
ޖަޕާނުގެ ޑިޕްލޮމެޓަކުވެސް ހަމަ އެފަދައިން ބުނިކަމަށް އިސްރާއިލުގެ އެ ނޫހުން ބުންޏެވެ.
" ދުނިޔޭގެ އެއްވެސް ސަގާފަތެއްގައި ބޫޓެއް ނުބަހައްޓާނެ މޭޒުމަތީގައި. ކައްކާ އެފަދައިން ކަންތައްކުރީ ކޮންވިސްނުމެއްގައި ކަމެއް އަޅުގަނޑަކަށް ނޭނގޭ. މިއީ މަޖަލަކަށް ކުރި ކަމެއް ނަމަވެސް އަޅުގަނޑުކަށް މަޖަލެއް ނޫން. މިއީ ބޮޑުވަޒިރު އަޅުގަނޑުމެންނަށް ކުރެއްވި ބޭއިހުތިރާމުގެ އަމަލެއް،" ޔެދޮއޮތު އަހަރުނޯތު ނޫހުން ޖަޕާނުގެ ޑިޕްލޮމެޓަކާ ހަވާލާދީ ބުންޏެވެ.
އެ މައްސަލައިގައި އިސްރާއިލުގެ ފޮރިންް މިނިސްޓްރީން ބުނީ ޖަޕާނުގެ ބޮޑުވަޒީރަށް އެރުއްވި ޖާފަތުގެ ކަންތަކުގައި އެ މިނިސްޓްރީގެ ހިއްސާއެއް ނުވާ ކަމަށެވެ.
" އެ ކައްކާއަށް އަޅުގަނޑުމެން އިހުތިރާމް ކުރަން. އޭނާއަކީ ވަރަށް 'ކްރިއޭޓިވް' މީހެއް." ފޮރިން މިނިސްޓްރީން ބުންޏެވެ.
ޖަޕާނުގެ ބޮޑުވަޒީރު އިސްރާއިލަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލުކުރައްވައި ހުޅަނގު އައްސޭރި އަދި ޣައްޒާގައި ފަލަސްތީނުން ބިނާކުރަން އުޅޭ ދައުލަތަށް ޖަޕާނުގެ ފުރިހަމަ ތާއިދު އޮތްކަމަށް ވިދާޅުވެފައެވެ.
އެމެރިކާއިން އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ބަލައިގަނެ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމަށް ނިންމި ނަމަވެސް، ޖަޕާނުން އެ ގައުމުގެ އެމްބަސީ ގުދުސަށް ބަދަލުނުކުރާނެ ކަަމަށް ވެސް ޖަޕާނުގެ ބޮޑުވަޒީރު އެ ދަތުރުފުޅުގައި ވަނީ ވިދާޅުވެފައެވެ.
މަސްދަރު: އިންޑިޕެންޑެންޓް