ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނު މުރާޖާ ކުރަންޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ބުނެފިއެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން އެޗްއާރުސީއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މި އަހަރުގެ ތެރޭގައި ކުޑަކުދިންނަށް ތަފާތު އެކި ބާވަތުގެ އަނިޔާއާ ކުރިމަތިލާން ޖެހުނު ކަމަށާއި ކުޑަކުދިންނާ މެދު ވާ އިހުމާލުގެ ސަބަބުން ކުދިންގެ ފުރާނައަށް ނުރައްކާވާ ފަދަ ކަންކަން ހިނގާފައިވާ ކަމަށެވެ. އަދި ކޮމިޝަނަށް ހުށަހަޅާ ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ތެރޭގައި އަނިޔާއާއި އިހުމާލުގެ މައްސަލަތައް ހިމެނޭކަމަށްވެސް ބުންޏެވެ.

އެޗްއާރުސީއެމްއިން ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށްޓަކައި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނު މުރާޖާކުރަންޖެހޭ ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތަކާގުޅޭ ސިޔާސަތެއް އެކުލަވާލުމާއި، ކުޑަކުދިންނާ މެދު އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުމަކީ މުހިންމުކަމެއް ކަމަށްވެސް އެޗްއާރުސީއެމްއިން ބުންޏެވެ.

މީގެ އިތުރުން ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ގާނޫނު ވުޖޫދަށް ގެނައުމުގެ މުހިންމުކަން ވެސް ފާހަގަކޮށް، އެޗްއާރުސީއެމްއިން ވަނީ ކުޑަކުދިންނާމެދު އަނިޔާގެ އަމަލުތައް ހިންގާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް، ވީ އެންމެ އަވަހަށް އެކުދިންނަށް އިންސާފު ލިބޭނޭ ގޮތް މަގުފަހިކޮށްދިނުމަށް އެޗްއާރުސީއެމްއިން ގޮވާލިއެވެ.

ކޮމިޝަނުން ބުނީ އެތަނަށް ހުށަހެޅޭ ކުޑަކުދިންގެ ހައްގުތަކުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ އަނިޔާގެ އިތުރުން އިހުމާލާއި ހަޟާނާތުގެ މައްސަލަތައްވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ދަރީން ތަރުބިއްޔަތުކުރުމުގެ ފުރިހަމަ މައުލޫމާތު ބެލެނިވެރިންނަށް ނޭނގުމުގެ ސަބަބުން ދިމާވާ މައްސަލަތައްވެސް ހިމެނެއެވެ.

އެޗްއާރުސީއެމްއިން ވަނީ، ކުޑަކުދިންނާ ގުޅުންހުރި ކަންކަން ނިންމާ އިރު އެކުދިންގެ ހިޔާލު ހޯދައި، އެކުދިންނަށް އެންމެ ފައިދާ ކުރާގޮތަށް ކަންކަން ނިންމުމަށް އިސްކަން ދިނުމަށް ގޮވާލާފައެވެ. އަދި މައިންބަފައިންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމުގައި ކުދިންގެ މަސްލަހަތަށް އިސކްަން ދިނުމަށްވެސް ގޮވާލާފައެވެ.

އަދި ކުޑަކުދިންނަށް ލިބޭ އަނިޔާއާ ބެހޭމައުލޫމާތު އެނގޭ ނަމަ އެކަން ރިޕޯޓުކުރުމަށާއި، އެފަދަ މައްސަލަތައް މީޑިއާގައި ރިޕޯޓުކުރާ އިރު ކުދިންގެ ކަރާމާތަށް އުނިކަން ނާންނާނެ ފަދައިން އެކަން ކުރުމަށް ސަމާލުކަން ދިނުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކުރިއެވެ.