އަޑުއިވުމުގައި މައްސަލަ ހުންނަ ކުދިންނަށް އެހީވުމަށް ފްރިކުއެންސީ މޮޑިއުލޭޝަން ސިސްޓަމް (އެފްއެމްސީ) ޖަމާލުއްދީން ސްކޫލުގައި ބަހައްޓައިފިއެވެ.

ޖަމާލުއްދީން ސްކޫލުގައި މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސިސްޓަމް އިފްތިތާހު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު "ސަން" އަށް ވިދާޅުވީ މިއަދު އިފްތިތާހު ކުރި ސިސްޓަމަކީ ދުނިޔޭގައި ވަރަށް ކުރިއަރައިފައިވާ ސިސްޓަމެއް ކަމަށެވެ. އަދި މި ސަރަހައްދުގައިވެސް އެ ސިސްޓަމް ބަހައްޓައިފައިވަނީ ހަމައެކަނި ސިންގަޕޫރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ މޮރިީޝަސް ކޮމާޝަލް ބޭންކުން ޖަމާލުއްދީން ސްކޫލަށް ހަދިޔާކުރި ސިސްޓަމެކެވެ.

"އަޑުއިވުމުގެ މައްސަލަ ހުންނަ ކުދިންނަށް އަޑުއިވެނީ އެކި ފްރީކުއަންސީތަކުގައި އެހެންކަމުން އެކި ކުދިންނަށް އަޑުއިވެނި އެކިވަރަށް. ނަމަވެސް މި ސިސްޓަމް ބޭނުންކުރުމުން އެކަމަށްހައްލު ލިބިގެން ދާނެ. މި ސިސްޓަމް ބޭނުންކުރަން ފެށީމަ، ހިއަރިން އެއިޑްއާ އިތުރު ބައެއް ގުޅާލެވިގެން ދާނެ. ދެން ޓީޗަރު އަތުގައި މިއިންނަނީ ޓްރާންސްމީޓާ. އޭގެ ސަބަބުން ޓީޗަރު ދައްކާ ވާހަކަ ކުއްޖާއަށް ވަރަށް ރީއްޗަށް އިވިގެންދާނެ،" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ މިއީ 300،000 ރުފިޔާގެ ސިސްޓަމެއް ކަމަށާއި އަދި އެ ސިސްޓަމް އެއްފަހަރާ 24 ކުދިންނަށް ބޭނުންކުރެވޭނެ ކަމަށެވެ.