މި އަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަސް ނިމުމާ ހަމައަށް، މާލޭގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ވިޔަފާރި މުދާ އުފުލަން ހަމަޖެހިފައިވަނީ ހަވީރު 18:00 އިން ފެށިގެން ހެނދުނު 08:00 އަށް ކަމަށެވެ. އެ ވަގުތު ތަކުގައި ހުރިހާ ބާވަތެއްގެ އަދި ހުރިހާ ގިންތިއެއްގެ މުދާ އުފުލޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

އަދި 350 ކިލޯއަށް ވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދުގައި، ފެނާއި ކައްކާ ގޭސް ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް އުފުލޭނެކަމަށް އޮތޯރިޓީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، ހަވީރު 3:00 އިން ފެށިގެން 6:00 އާ ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް އެއްވެސް ބާވަތެއްގެ އުޅަނދެއްގައި އުފުލުމަކީ މަނާކަމެއްކަމަށެވެ.

މާލޭގެ މަގުތައް ތޮއްޖެހި، ހިނގާބިނގާވެ އުޅުމަށް ދަތިވާތީ، މުދާ އުފުލުމުގެ ގަވާއިދަށް ބަދަލުގެނެސް މުދާ އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައަޅައި އަމަލުކުރަށް ފަށާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.