ފިލްމުތަކުގައި ދައްކުވައިދޭ ރޯލުތަކުގެ ސަބަބުން، ފިލްމު ބަލާ ފަރާތްތަކުގެ ހިތްތަކަށް އަސަރުކުރުވައި، އެމީހުން ރޮއްވާލެވޭ ނަމަ ވަރަށް ބޮޑު އުފަލެއް ލިބޭ ކަމަށް ޒުވާން، ހުނަރުވެރި ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.

އާލިއާގެ އެންމެ ފަހުގެ ފިލްމު "ރާޒީ" މިހާރު އަންނަނީ ސިނަމާތަކުގައި ދައްކަމުންނެވެ. ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، އާލިއާއަށް ތައުރީފުގެ ބަސްތައް އަންނަނީ ބަންޑުން ވަމުންނެވެ.

ފިލްމާ ގުޅޭ ގޮތުން މީޑިއާ އާ ވާހަކަ ދައްކަމުން އާލިއާ ބުނީ އުންމީދު ކުރި ވަރަށް ވުރެ ވެސް މާ ބޮޑު ތަރުހީބެއް ފިލްމަށް ލިބެމުން އަންނަ ކަމަށާއި އެކަމާ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ.

"ފިލްމު ރިލީޒް ކުރުމުގެ ކުރިން އެންމެން ވެސް ތިބީ ވަރަށް ހާސްވެފައި. ޚާއްސަކޮށް ޑައިރެކްޓަރު މޭގްނާ ގުލްޒާރު. އެކަމަކު ބެލުންތެރިންނަށް ފިލްމު ވަރަށް ބޮޑަށް ކަމުގޮސްފި. ބައެއް މީހުން ފިލްމު ބަލައިފައި ނުކުތީ ރޮމުން. އަހަރެން ވަރަށް ބޮޑަށް އުފާވޭ އަހަރެންނަށް ފިލްމެއް މެދުވެރިކޮށް މީހުން ރޮއްވާލެވުމުން،" އާލިއާ ބުންޏެވެ.

އާލިއާ ބުނީ އެންމެ ފުރިހަމަ އަށް މަސައްކަތް ކުރެވުނު ކަމުގެ އިޙްސާސް ކުރެވެނީ އޭރުން ކަމަށެވެ.

ދެހާސް ބާރަ ވަނަ އަހަރު ރިލީޒް ކުރި 'ސްޓުޑެންޓް އޮފް ދަ އިޔާ' އިން ބޮލީވުޑަށް ތައާރަފުވި އާލިއާ މިހާތަނަށް މުޅިން ވެސް ފެނިގެން ގޮސްފައި ވަނީ ތަފާތު މޮޅު ރޯލުތަކުންނެވެ. އަދި ކޮންމެ ފިލްމަކުން ވެސް އާލިއާއަށް ބެލުންތެރިނާއި ކްރިޓީކުންގެ ތަރުހީބު ލިބެ އެވެ.

އުމުރުން 25 އަހަރުގައި ބޮލީވުޑްގެ އެންމެ ކުޅަދާނަ އެކްޓަރުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނިގެން ގޮސްފައި ވަނީ 'ހައިވޭ'، 'އުޅުތާ ޕަންޖާބް'، 'ޑިއާ ޒިންދަގީ' އަދި 'ކަޕޫރު އެންޑް ސަންސް' ފަދަ ފިލްމުތަކުގައި އާލިއާ އަދާކޮށްފައިވާ ރޯލުތަކުގެ ފުރިހަމަ ކަމުންނެވެ.

އާލިއާ ބުނީ ފިލްމުތަކުގައި އެންމެ ރަނގަޅު އެކްޓިން އެއް ދެއްކެނީ ޑައިރެކްޓަރު ބުނާ ބަސް އަހައިގެން މަސައްކަތް ކުރުމުން ކަމަށެވެ.

މޭގްނާ ގުލްޒާރު ޑައިރެކްޓުކޮށްފައިވާ "ރާޒީ" އަކީ ހަރިންދަރު ސިއްކާގެ ފޮތް ''ކޯލިންގް ސެހްމަތު''ގެ މައްޗަށް އުފައްދައިފައިވާ ފިލްމެވެ. ފިލްމު ރިލީޒް ކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

ޖަންގްލީ ޕިކްޗާޒް އަދި ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގައި އާލިއާ ފެނިގެން ދަނީ 'ސެހްމަތު' ކިޔާ އިންޑިއާ އަންހެނެއްގެ ރޯލުންނެވެ.

ފިލްމުގައި އޭނާ އަކީ އިންޑިއާއަށް ޖާސޫސް ކޮށްދިނުމަށް، ޕާކިސްތާނު ފުލުހަކާ ކައިވެނިކޮށްގެން ޕާކިސްތާނަށް ދާ މީހެކެވެ. ފިލްމުގައި އާލިއާގެ ފިރިމީހާގެ ރޯލުން ފެނިގެންދާނީ ވިކީ ކޯޝަލް އެވެ.