14 May 2018, 09:23
ސަލްމާން ޚާންގެ "ދަަބަންގް 3"ގެ ޝޫޓިން ފަށަން ހަމަޖެހިފައި އޮތް ތާރީޚުގައި ޝޫޓިން ފެށޭނެ ކަމަށް ނުބެލެވޭ ކަމަށާއި އަދި ފިލްމު ރިލީޒް ކުރުން ވަރަށް ބޮޑުތަން ފަސްކުރަން ޖެހިދާނެ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ޕްރަބޫދޭވޭ ޑައިރެކްޓު ކުރަން ހަމަޖެހިފައިވާ "ދަބަންގް" ރިލީޒް ކުރަން ނިންމައިފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ކުރިއަށްދާ ގޮތުން، ޖެނުއަރީގައި ފިލްމު ރިލީޒް ކުރެވޭނެ ހެން ހިޔެއް ނުވެ އެވެ.
ފިލްމުގެ ޝޫޓިން ނުފެށި ލަސްވަނީ، ސަލްމާން ޚާން އިތުރު ފިލްމެއްގެ މަސައްކަތް ކުރަމުން އަންނާތީ އެވެ. ރޭމޭ ޑީސޫޒާ ޑައިރެކްޓު ކުރާ "ރޭސް 3"ގެ ޝޫޓިން ކުރިއަށްދާ އިރު، ޓީވީ ޝޯ "ދަސް ކާ ދަމް"ގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެއެވެ.
"ރޭސް 3"ގެ މަސައްކަތް މުޅިން ނިމޭނެ ދުވަހެއް އަދި ނޭނގޭތީ، "ދަބަންގް 3"ގެ މަސައްކަތް ފެށޭނެ ތާރީޚެއް ވެސް ބުނާކަށް ނޭނގެ އެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން، "ދަބަންގް 3"ގެ މަސައްކަތް އެންމެ އަވަހަށް ވެސް ފެށޭނީ އަންނަ ސެޕްޓެމްބަރުގަ އެވެ. ސެޕްޓެމްބަރުގައި ޝޫޓިން ފަށައިގެން ޖެނުއަރީގައި ފިލްމު ރިލީޒް ނުކުރެވޭނެ އެވެ.
"ދަބަންގް"ގެ ފުރަތަމަ ފިލްމު ރިލީޒް ކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. އެއަށް ފަހު 2012 ވަނަ އަހަރު ''ދަބަންގް 2'' ރިލީޒް ކުރި އެވެ. "ދަބަންގް 3"ގައި ސަލްމާން އާ އެކު ހަރަކާތްތެރި ވާނީ ސޮނާކްޝީ ސިންހާ އަދި އަރްބާޒް ޚާން އެވެ.