ކުރީގެ ޕްރޮސިކުއުޓަރ ޖެނެރަލް މުހުތާޒު މުހުސިންގެ މައިބަދައަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން އޭނައަށް ފަރުވާ ދިނުމަށް ދާދި ދެންމެ އަކު އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.

މުހުތާޒު ކުއްލިއަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ފަށާފައިވާއިރު މިވަގުތު އޭޑިކޭ ހޮސްޕިޓަލުގައި ހުންނެވި އޭނާގެ އަނބިކަނބަލުން ޝާދިޔާ އާދަމް "ސަން" އަށް ވިދާޅުވީ މުހުތާޒު އެޑްމިޓް ކުރިކަން އެނގުނީ މެންދުރުފަހު ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެޑްމިޓް ކުރީ "ބާރުގަދަ އިންޖެކްޝަންއެއް ޖެހުމަށް" ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަހަަރުވެސް އެޑްމިޓް ކުރީ ބާރުގަދަ އިންޖެކްޝަނެއް ޖަހަން. މައިބަދައިގެ މައްސަލައެއް ކުރިމަތިވެގެން ފަރުވާދެނީ. މިއީ މިފަދަ އިންޖެކްޝަނެއް ޖަހާ ތިންވަނަ ފަހަރު. މީގެ ކުރިން ދެ ފަހަރަކުހަމަ އެ އިންޖަކްޝަން ޖެހި އެކަމަކު ކާމިޔާބެއް ނުވި،" ގާނޫނީ ވަކީލުކަންވެސް ކުރައްވާ ޝާދިޔާ ފޯނުން ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.

ޝާދިޔާ ވިދާޅުވީ މުހުތާޒަށް މީގެ ކުރިން ޖެހި ދެ އިންޖެކްޝަނުން ވެސް ކާމިޔާބު ނުވީ ކަރެކްޝަނަލް ސާވިސް އިން ޑޮކްޓަރުންގެ އެންގުމާ ޚިލާފަށް ފަރުވާ ކުޑަކޮށްފައިވާތީ ކަމަށެވެ.

މިފަހަރު އިންޖެކްޝަން ޖެހުމަށްވެސް ވަރަށް ކުރިން ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާ ކަމަށާއި ނަމަވެސް ލަސް ކުރަމުން ގޮސް އެޑްމިޓް ކުރީ މިއަދު ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާދިޔާ ވިދާޅުވީ މުހުތާޒުގެ ހާލު "ރަނގަޅު ނޫން" ކަމަށެވެ. އަދި ޑޮކްޓަރުން އަންގާ ގޮތަށް އެނާގެ ފިރިކަލުންގެ ސިއްހީ ކަންކަން ހަމަޖައްސާއިރު އަމަލު ކުރުމަށް ކަރެކްޝަންސްގެ ޝާދިޔާ ވަނީ އެދިވަޑައިގެންފައެވެ.

މުހުތާޒު އެޑްމިޓް ކުރީ ކީއްވެގެން ކަމެއް އަދި ކަރެކްޝަންސް އިން ރަސްމީކޮށް ބުނެފައެއްނުވެއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި މުހުތާޒު ގަޔަށް އިންޖެކްޝަން ޖަހަނީ މާދަމާގެ ވަގުތެއްގައެވެ.

މުހުތާޒް ގެންދަވަނީ ގާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން އުޅުނުކަން ސާބިތުވެ، މުހުތާޒު 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.