ގައްޒާގައި މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ޝަހީދުވި މީހުންނަކީ ދެވަނަ ބޮޑުު ހަނގުރާމައިގައި މަރުވި ޖަރުމަނުގެ ނާޒީންނަށް އެއްފަދަބައެއް ކަމަށް އިސްރާއިލުގެ ޕަބްލިކް ސެކިޔުރިޓީ މިނިސްޓަރު ގިލާދު އެރުދާން ސިފަކުރައްވައިފިއެވެ.

ގިލާދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ގައްޒާގައި މަރުވި އެތަކެއް ބަޔަކަށް އިޝާރަތް ކުރައްވައި ވިދާޅުވީ މަރުވި މީހުންގެ އަދަދުން އެއްވެސް އެއްޗެއް ހާމަނުކޮށްދޭ ކަމަށެވެ.

" ދެވަނަ ބޮޑު ހަނގުރާމައިގައި މަރުވި ނާޒީންގެ އަދަދުން ދުނިޔެއަށް އެއްވެސް އެއްޗެއް ހާމައެއް ނުކޮށްދޭ. އެހެންކަމުން ފަަލަސްތީނުގެ ކިތަންމެ ބަޔަކު މަރުވިޔަސް އޭގެން އެއްވެސް އެއްޗެއް ނުބުނެދޭ،" ގިލާދުު ވިދާޅުވިއެވެ.

ގިލާދު ވިދާޅުވީ އިސްރާއިލުން އެ ހަމަނުޖެހުންގަނޑުގައި "ރޯކުރަން" އިތުރަށް ބޭނުންނުވާ ކަމަށާއި އަދި އެ ހާދިސާގެ އަސްލަކީ ޣައްޒާގައި ވެރިކަން ކުރަމުންދާ ހަމާސް ޖަމާއަތް ކަމަށެވެ. އަދި އެ މުޒާހަރާތަކުގެ ބޭނުމަކީ ހަމާސް ސަރުކާރު ފެއިލްވެފައިވާވަރު ފޮރުވުން ކަމަށެވެ.

ގުދުސްގައި އިސްރާއިލުން މިއަދު އެމްބަސީ ހުޅުވުމާ ދެކޮޅަށް ޣައްޒާގައި ކުރި މުޒާހާރާގައި މިހާތަނަށް 55 މީހަކު ޝަހީދުވެ 2400 މީހުން ވަނީ ޒަހަމްވެފައެވެ.

މިދިޔަ މާޗް މަހުގެ 30ގައި "ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ފެށި އެމުޒާހަރާތަކުގައި ފަލަސްތީނުގެ ރައްޔިތުން ދަނީ އެމީހުންގެ ކާބަފައިންގެ ބިމަށް ރުޖޫއަވުމުގެ ހައްގު އޮތް ކަމަށް ބުނެ، އިސްރާއީލް ބޯޑަރު ހުރަސް ކުރަން މަސައްކަތް ކުރަމުންނެވެ.