ގއ. ކޮލަމާފުށީ ކައުންސިލުން ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި އެ އިދާރާގެ މުވައްޒަފަކު ރޭ ހައްޔަރު ކޮށްފިއެވެ.

ކޮލަމާފުށީ ކައުންސިލް އިދާރާގެ ތިޖޫރީގައި ހުރި 144000 ރުފިޔާ އާއި ކައުންސިލް އިދާރާގައި ބަހައްޓާފައި ހުރި މިސްކިތު ފަންޑު ފޮށީގައި ހުރި ގާތްގަނޑަކަށް 8000 ރުފިޔާ ހިމެނޭ ގޮތަށް، ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ވަގަށް ނެގި ފައިސާގެ ތެރޭގައި ރޯދަ މަހުގެ އިނާޔަތު ފައިސާ ވެސް ހިމެނެއެވެ.

އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާކަން "ސަން" އަށް ކަށަވަރު ކޮށްދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކުރީ އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ކޮލަމާފުށީ ކައުންސިލުގެ ނައިބް ރައީސް އަދުނާން ހަސަން މިއަދު ވިދާޅުވީ، އެ މައްސަލާގައި ރޭ ހައްޔަރު ކޮށްފައިވަނީ އެ އިދާރާގެ އެކައުންޓްސްގައި މަސައްކަތްކުރާ މުވައްޒަފަކު ކަމަށެވެ.

އޭނާ ހައްޔަރުކުރީ ވައްކަމުގެ މައްސަލާގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަ ވެފައި ހުރުމުން ކަމަށް އަދުނާނު ވިދާޅުވި އެވެ.