ދިއްލީ (މޭ 21): އިންޑިއާގެ ކެރަލާގައި ނުރައްކާތެރި ނިޕާ ވައިރަހަށް ޕޮޒިޓިވްވި ތިން މީހަކު މަރުވެފައިވާ ކަމަށް އެސްޓޭޓުގެ ހެލްތު މިނިސްޓަރު ކޭކޭ ޝައިލަޖާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝައިލަޖާ ވިދާޅުވި ގޮތުގައި އެ ސްޓޭޓުން އިތުރު އަށް މީހެއްގެ ފަރާތުން ވަނީ ނިޕާ ވައިރަސް އިންފެކްޝަނުގެ އަލާމާތްތައް ފެނިފައެވެ. އަދި އެމީހުން ވައިރަހަށް ޓެސްޓު ކުރުމަށްޓަކައި މިހާރު ސާމްޕަލްތައް ވަނީ ޕޫނޭގައި ހުންނަ ނެޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއަށް ފޮނުވާފައެވެ.

ނިޕާ ވައިރަސް އިންފެކްޝަނަކީ، އެ އިންފެކްޝަން ޖެހިފައިވާ ވާލާއި އޫރުން އިންސާނުންނަށް ފެތުރޭ އިންފެކްޝަނެކެވެ. އަދި އޭގެއިން ސަލާމަތްވުމަށްޓަކައި އިންފެކްޝަން ފެތުރިފައިވާ ސަރަހައްދުގައި ދިރިއުޅޭ ވާލާއި އޫރުން ދުރުހެލިވުން މުހިންމު ކަމަށް ހެލްތު އޮފިޝަލުން ބުނެއެވެ.

އެ އިންފެކްޝަނުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުމާއި ވަރުބަލިވުމާއި ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް ހިމެނެއެވެ.

ކެރަލާގެ ސަރުކާރުން ވަނީ އިންފެކްޝަން ފެތުރުން ހުއްޓުވުމަށްޓަކައި 20 ލައްކަ ރުޕީސްގެ އެމާޖެންސީ ފަންޑެއް ދޫކޮށްފައެވެ.

(އެންޑީޓީވީ)