ދިމީޝްގު (މޭ 23) : އީރާނު ސިފައިން ސޫރިޔާއިން ފައިބަން ނުޖެހޭ ކަމަށާއި ސޫރިޔާއިން ފައިބަންޖެހޭނީ އެމެރިކާގެ އުދުވާނީ ސިފައިން ކަމަށް ސޫރިޔާއިން ބުނެފި އެވެ.

ރަޝިޔާގެ ސްޕުޓްނިކް ނޫސްއެޖެންސީ އަށް ދެއްވި ބަސްދީގަތުމެއްގައި ސޫރިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ޑރ. ފައިސަލް އަލްމިގްދާދު ވިދާޅުވީ އީރާން ސިފައިންނާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ސޫރިޔާގައި ތިބެނީ ސޫރިޔާ ސަރުކާރުގެ އެދުމުގެ މަތިންކަމަށާ އެމީހުން ސޫރިޔާއިން ފައިބަން ނުޖެހޭނެ ކަމުގަ އެވެ. ނަމަވެސް އެމެރިކާ ސިފައިން ސޫރިޔާގެ އިރުދެކުނުގައި ފައިހަރުކޮށްލައިގެން އުޅެނީ ސޫރިޔާ ސަރުކާރުގެ ހުއްދަނެތި އިސްތިއްމާރީ އަދި ޣައިރު ގާނޫނީ އުސޫލުން ކަމަށާއި އެހެންކަމުން މިހާރުން މިހާރަށް ސޫރިޔާއިން ފޭބުމަށް އެމެރިކާގެ އިސްތިއްމާރީ ސިފައިންނަށް ސޫރިޔާ ސަރުކާރުން ގޮވާލާ ކަމުގަ އެވެ.

އަނެއްކޮޅުން އީރާން ސިފައިންނާއި ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން އެހީތެރިވެދެނީ ސޫރިޔާ ސަރުކާރަށް ކަމަށާއި އޭގެބަދަލުގައި އެމެރިކާ ސިފައިން އެހީތެރިވަނީ ސޫރިޔާގެ ސަރުކާރު ވައްޓާލަން ހަނގުރާމަ ކުރާ ބާޣީންނަށާއި ޓެރަރިސްޓް ޖަމާއަތްތަކަށް ކަމުގަ އެވެ. އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރެއް ކަމަށްވާ ހިލަރީ ކްލިންޓަން ވަނީ މެދުއިރުމަތީގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަކީ އެމެރިކާ ފަންޑުކޮށްގެން އުފެއްދި ޖަމާއަތްތަކެއް ކަމަށް 2016 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ ކޭންޕޭންގައި ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ވިދާޅުވެފަ އެވެ.

ވިކިލީކްސް އިން 2016 ވަނަ އަހަރު ލީކުކޮށްލި ހިލަރީގެ އީމެއިލްތަކުގައި އެމެރިކާއިން ސިއްރިޔާތުގައި އައިއެސް ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދޭގޮތާއި އައިއެސް އިން ވަގަށްނަގާ ސޫރިޔާގެ ތެޔޮ އެމެރިކާގެ ކުންފުނިތަކުން ތިންވަނަ ފަރާތެއް މެދުވެރިކޮށް ހެޔޮއަގުގައި ގަންނަގޮތްތައް ބަޔާންކޮށްފައިވެ އެވެ. އެމެރިކާ ޓެރަރިސްޓުންނަށް ވާގިވެރިވާ މައްސަލަ ބޭޒާރުވުމުން އެދުވަސްވަރު އެމެރިކާގެ އެތެރޭގައި ވެސް މިމައްސަލަ ބޮޑު ކަންތައްގަނޑަކަށް ވެގެންދިޔައެވެ. ނަމަވެސް މިއީ ޕެެންޓަގަންއާއި ސީއައިއޭ ފަދަ އެމެރިކާގެ ބާރުގަދަ ޑީޕްސްޓޭޓް އަޑީގައި އޮވެގެން ހިންގާ ކަންތައްތަކެއް ކަމަށްވުމުން އެމެރިކާ ސަރުކާރުން މިކަމާ އަޅާލާފައެއް ނުވެ އެވެ.

އެމެރިކާއިން އދ. ގެ ހުއްދައަކާނުލައި ސޫރިޔާއަށް އުދުވާނީ ޙަމަލާތައްދީ މީހުން މެރުމުގެ ޖަރީމާތައް ހިންގާއިރު އިސްރާއީލުން ސޫރިޔާއަށް ދޭ އުދުވާނީ ޙަމަލާތަކުގެ ފަހަތުގައިވަނީ ވެސް އެމެރިކާ ކަމަށް ސޫރިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ވިދާޅުވި އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ސޫރިޔާއިން ފޭބުމަށް އީރާނަށް ވަރަށް ހަރުކަށި އިބާރާތުން ގޮވާލައްވާފަ އެވެ. އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވުމަށްފަހު އަލުން އައު އެއްބަސްވުމެއް އެކުލަވާލުމަށް ޕޮމްޕެއޯ އީރާނަށް ހުށަހެޅުއްވި ޝަތުރުތަކުގެ ތެރޭގައި އީރާނުގެ ބާރުތައް ސޫރިޔާއިން ބޭލުން ހިމެނެ އެވެ. ނަވެސް ހުއްދައަކާނުލައި ސޫރިޔާއަށް އަރައިތިބި އެމެރިކާ ސިފައިން ސޫރިޔާއިން ބޭލުމާބެހޭ ވާހަކަ ޕޮމްޕެއޯ ދައްކަވާފައެއް ނުވެ އެވެ.

ސޫރިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ވަނީ ސޫރިޔާއިން އީރާނުގެ ބާރުތައް ފައިބަން ގޮވާލަން އެމެރިކާއަށް ލިބިފައިވަނީ ކޮންހައިޘިއްޔަތެއްތޯ ސުވާލު އުފައްދަވާފަ އެވެ. މީގެ އިތުރުން ސޫރިޔާ ސަރުކާރުގެ ހުއްދައަކާނުލައި އަދި އދ. ގެ ގަރާރަކާވެސް ނުލައި އެމެރިކާ ސިފައިން ސޫރިޔާގެ ތެލާއި ގުދްރަތީ ގޭހުގެ ރިޒާވް އެންމެ ބޮޑު ސަރަހައްދަށް ވެރިވެގަނެގެން އުޅެނީ ކޮން އުސޫލަކުންތޯ ވެސް އޭނާ ވަނީ ސުވާލުކުރައްވާފަ އެވެ. ސޫރިޔާ ސަރުކާރުންވަނީ ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުން ހުއްޓާލުމަށް އެކިފަހަރު މަތިން އެމެރިކާއަށް ގޮވާލާފަ އެވެ.

އަނެއްކޮޅުން އީރާނުންވަނީ އެގައުމުގެ ސިފައިން ސޫރިޔާއިން ނުފައިބާނެ ކަމަށް ބުނެފަ އެވެ. އީރާނުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ވެރިޔާ ރިޓަޔަޑް ޖެނެރަލް އަލީ ޝަމްޚާނީ ވިދާޅުވީ އެމެރިކާއަށް އީރާނުގެ ސިފައިން ސޫރިޔާ އިން ވެސް އަދި އެހެން ގައުމަކުންވެސް ނުބޭލޭނެކަމުގަ އެވެ. ޝަމްޚާނީ ވިދާޅުވީ އީރާނުގެ ސިފައިން ސޫރިޔާގައި ތިބެނީ ސޫރިޔާ ސަރުކާރުގެ އެދުމުގެ މަތިން ދެގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުންކަމަށާ އެހެންކަމުން އީރާން ސިފައިން ސޫރިޔާގައި ދެމިތިބޭނެ ކަމުގައެވެ.

އަދި ކުރިޔަށްއޮތް ދުވަސްތަކުގައި އީރާނުގެ އިތުރު ސިފައިން ސޫރިޔާއަށް ފޮނުވައި އީރާނުގެ އަސްކަރީ ބާރު ސޫރިޔާގައި އިތުރަށް ވަރުގަދަ ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ޝަމްޚާނީ ވިދާޅުވިއެވެ. (އަލްއާލަމް)