24 May 2018, 14:52
ތައުލީމީ ދާއިރާ މުޅިން ޑިޖިޓަލައިޒްކޮށް ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނަށް ޓެބްލެޓްތައް ދިނުމަށް ފަށާފައިވާ މަސައްކަތްތަކުގެ ދަށުން، މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއްގެ ޓީޗަރުންނަށް ޓެބްލެޓްތައް ހަވާލުކޮށް ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާލެ ސަރަަހައްދުގެ ހުރިހާ ސްކޫލުތަކުގެ ޓީޗަރުންނަށް ޓެބްލެޓްތައް މިއަދު ހަވާލުކޮށް ނިންމާފައިވާ ކަމަށާއި އެ ޓެބްލެޓްތަކަށް ޓީޗަރުން އަހުލުވެރިކުރުމުގެ ގޮތުން ގޫގަލް އެޑިއުކޭޓާ ލެވެލް 1ގެ ކޯސްތަކެއް މި ހަފުތާގައި ކުރިއަށްގެންދާނެ ކަމަށެވެ.
އަންނަ ހަފުތާގައި އަތޮޅުތަކުގެ ސްކޫލު ޓީޗަރުންނަށް ޓެބްލެޓްތައް ހަވާލުކުރަން ފަށާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
Thahuzeebee Mujthamau akah Tharubavy Thauleemu.
CHSE Teacherunah Tablet havaalu kurumuge rasmiyyath.#teachingtomorrow's#skilltoday@EducationMV@aishathshihampic.twitter.com/OWxtMPgYIT— CHSE (@CHSE_HighSchool)May 24, 2018
އެޑިއުކޭޝަން މިނިސްޓްރީން ކޮންމެ ސްކޫލެއްގެ ދަރިވަރަކަށް ޓެބްލެޓެއް ދިނުމަށް ނިންމާފައިވަނީ ދެވަނަ ޓާމް ފެށޭއިރު އެވެ. ދަރިވަރުންނަށް ދިނުމަށް ނިންމާފައިވަނީ ވާވޭ ޓެބްލެޓެކެވެ.
ސްކޫލުތައް ޑިޖިޓަލައިޒްކުރުމަށް 71000 ޓެބްލެޓު ހޯދަން ސަރުކާރުން ހަވާލުކުރީ މެކްސްކޮމްއާ އެވެ. އެ މަޝްރޫއަށް ސަރުކާރުގެ މިއަހަރުގެ ބަޖެޓުގައި 150 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ޓެބްލެޓް ބޭނުންކުރެވޭނީ ހަމައެކަނި ކިޔެވުމާ ގުޅުންހުރި ކަންކަމުގައި ކަމަށާއި ޓެބްލެޓަށް އިންސްޓޯލް ކުރެވޭނީވެސް މިނިސްޓްރީން ކަނޑައަޅާ ވަކި އެޕްލިކޭޝަންތަކެއް ކަމަށެވެ. އަދި ޓެބްލެޓް ބޭނުންކޮށްގެން ވަދެވޭނީވެސް ކަނޑައަޅާފައިވާ ވަކި ވެބްސައިޓްތަކަކަށް ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.