26 May 2018, 16:07
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އެ ޕާޓީން މިއަދު ވަކިވެ ވަޑައިގެންފިއެވެ. އަދި މިރޭ އޭނާ ޖުމްހޫރީ ޕާޓީއަށް ސޮއި ކުުރާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އާއި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އަށް އަބަދުވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކު ހުންނެވި ފޮޓޯއެއް ޓްވީޓް ކުރައްވައި އަލީ ވަހީދު ވިދާޅުވެފައިވަނީ އެމްޑީޕީން ވަކިވެވަޑައިގަތް ކަމުގައިވީ ނަމަވެސް ހިތާއި ހިތުގެ ގުޅުމެއް ފޮހެވިގެން ނުދާނެ ކަމަށެވެ.
Loabivaa@MDPSecretariatge hurihaa aamu membarunnah hithuge ikhlaastheri shukuru dhannavan. Partyge Raees@MohamedNasheedadhi PG Leader@ibusolihah abadhuves kaamiyaabah edhen. Alhugandu mivaguthu vakivelee. Ehenas alhugandumenge hithaa hithuge gulhumeh nufoheveyne! VTV 930pm!pic.twitter.com/cICxkenHiq
— Ali Waheed (@ali20waheed)May 26, 2018
އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ އަލީ ވަހީދު، އެގައުމަށް ވަޑައިގަތީ 2015 ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއަށް ފަހު، ފުލުހުން އޭނާ ހައްޔަރުކޮށް، ދޫކޮށްލުމާ އެކުއެވެ.
އަލީ ވަހީދުގެ މައްޗަށް އޭރު ޓެރަރިޒަމްގެ ދައުވާ ވެސް އުފުލިއެވެ. ނަމަވެސް އޭނާ ރާއްޖޭގައި ނެތުމުން އެ ޝަރީއަތް ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފައެވެ.

މޭ 20، 2011 ވަނަ ދުވަހުގެ ރޭ، އޭރުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު އެމްޑީޕީއަށް ސޮއިކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: އަލީ ނަސީރު
އަލީ ވަހީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ގައުމުން ބޭރުގައި އަރުވާލެވިގެން ހުރެ ޕާޓީ ހިންގުމުގައި ދަތިތަކެއް ހުރި ކަމަށް ވިދާޅުވެ ރާއްޖޭގައި ހުންނެވި ފަރާތަކަށް ފުރުސަތު ދިނުމަށް ކަމަށް ވިދާޅުވެއެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ސިޔާސީ މައިދާނުން މަގުބޫލުކަން ހޯއްދެވި އަލީ ވަހީދު ވަނީ ޑީއާރުޕީގެ ނައިބް ލީޑަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އަދި ޑީއާރުޕީގެ ޓިކެޓްގައި އޭރުގެ އެންމެ ހަގު ބޭފުޅެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ވެސް އަލީ ވަހީދު ވަނީ ހޯއްދަވައިފައެވެ.
އަލީ ވަހީދު އެމްޑީޕާއާ ގުޅިވަޑައިގަތީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.