ފުދުންތެރިކަން ނެތް ދަރިވަރުންގެ ތެރެއިން ކިޔަވަމުންދާ ދަރިވަރުންނަށް ޒަކާތު ފަންޑުންދޭ އެހީ، ޒަކާތު ފަންޑު ސްކޮލާޝިޕްތައް މިއަދު އިއުލާންކޮށްފި އެވެ.

މިއަދު ކީރިތި ގުރުއާން އާ ބެހޭ މަރުކަޒުގައި އޮތް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ޒަކާތު ފަންޑުގެ ސްކޮލާޝިޕް އަށް މިއަހަރު ޖުމްލަ 73 ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ޖުލްމަ 73 ފުރުސަތު ހުޅުވާލާއިރު އޭގެ ތެރެއިން 40 ޕަސެންޓް ސްކޮލާޝިޕްތަކަކީ އިސްލާމްދީން އާ ސީދާ ގުޅުން ހުރި ސްކޮލަޝިޕްތަކެއް ކަމަށާއި އަނެއް 60 ޕަސެންޓަކީ އެހެނިހެން ދާއިރާތަކަށް ހުޅުވާލެވޭ ފުރުސަތުތަކެއް ކަމަށެވެ.

"ޒަކާތު ފަންޑަކީ އާންމުންނަށް އެތަކެއް އެހީތަކެއް ދެމުން އަންނަ ފަންޑެއް. އެ ގޮތުން ތައުލީމީ ދާއިރާ އިން ސްކޮލާޝިޕް ދޭން މިވަނީ ތައްޔާރުވެފައި. ޒަކާތުގެ ސްކޮލަޝިޕް ކިޔަވަން ބޭނުންވާ ކުދިނަށް އެ ފުރުސަތު ހުޅުވާލާނަން. ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެ،" މީގެ ކުރިން މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ތެރެއިން އިމާމުކަން ކިޔަވާ 20 ޖާގަ، އަރަބި މުދައްރިސް 10 ޖާގަ، އިސްލާމް، ދިވެހި ކޮންމެ މާއްދާ އަކަށް ފަސް ޖާގައިގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަމާޒަކީ މެދު ނުކެޑި ކޮންމެ އަހަރަކު ވެސް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލުން."

ސްކޮލާޝިޕްތަކާ ގުޅުން ހުރި އިތުރު މައުލޫމާތު ނޫސްވެރިންނަށް ފޯރުކޮށްދެއްވަމުން ޝެއިހް އިބްރާހިމް ވިދާޅުވީ ޒަކާތުން ލިބޭ ފައިސާގެ 10 މިލިއަން ރުފިޔާ ހަރަދު ކުރަން ހަމަޖެހިފައި ވަނީ ސްކޮލާޝިޕްތަކަށް ކަމަށެވެ.

މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީ ހިލޭ ކިޔެވުނު އިންތިޒާމް ހަމަޖެހުނު ނަމަވެސް އެކޮޅުގައި ހުރުން އަދި ކެއުން ބުއިން ސްކޮލާޝިޕްގެ ދަށުން ހަމަޖެހިގެންދާނެ ކަމަށް ވެސް ޝެއިހް ވިދާޅުވި އެވެ.

ޒަކާތުގެ ފަންޑުން ސްކޮލާޝިޕް ޚިދުމަތްދޭ އިރު ކިޔަވަންދާ ބައެއް ގައުމުތަކުގެ ތެރޭގައި މެލޭޝިޔާ، ފިލިޕީންސް، ތައިލޭންޑް އަދި އިންޑޮނޭޝިއާ ހިމެނެ އެވެ.

ސްކޮލާޝިޕަށް އެޕްލައި ކުރުމުގެ ފުރުސަތު މާދަމާ ނުވަތަ އޭގެ އަނެއް ދުވަހު ގެޒެޓް ކުރާނެ އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ދުވަސްތެރޭގައި ގުރުއާންގެ ޖުމްލަ ތަފްސީރު ފޮތެއް ނެރެވިގެންދާނެ ކަމަށެވެ. އެކަމަށް މިހާރު މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އެކަމަށް ހާއްސަކޮށް ފަސް ބޭފުޅުންގެ ކޮމިޓީ އެއް އެކުލަވާލައިފައިވާ ކަމަށެވެ.

އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ އުރުދޫ ބަސް ފަރިތަ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.