29 May 2018, 10:37
މިސްރުގެ މުހައްމަދު ސަލާހަށް އަނިޔާވުމުގެ މައްސަލައިގައި ސާޖިއޯ ރާމޯސް އަތުން އެއް ބިލިއަން ޔޫރޯ ހޯދުމަށް މިސްރުގެ ގަނޫނީ ވަކީލަކު އެދިއްޖެއެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް މެޑްރިޑާއި ލިވަޕޫލް ވާދަކުރި މެޗުގައި ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ތަރި، ސަލާހުގެ ކޮނޑު ހުޅަށް އަނިޔާވީ ރެއާލްގެ ޑިފެންޑަރު ރާމޯސްގެ ގައިގައި ޖެހި އޭނާ ބިންމައްޗަށް ވެއްޓުމުންނެވެ. ސަލާހުގެ ކޮނޑު ހުޅަށް ލިބުނު އަނިޔާއާ ގުޅިގެން މިސްރާއެކު އޭނާއަށް ވޯލްޑް ކަޕް ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ އިރު، ސަލާހަށް ސަޕޯޓުކުރާ ގިނަ ބަޔަކު، ހާއްސަކޮށް މިސްރުގެ ރައްޔިތުންގެ ފަރާތުން ރާމޯސްއަށް ނުރުހުގެ ބަސްތައް އަމާޒުކޮށްފައިވެއެވެ.
މިސްރުގެ ގާނޫނީ ވަކީލު ބައްސާމް ވައްބާ ބުނެފައި ވަނީ ރާމޯސް ސަލާހަށް އަނިޔާކުރީ ގަސްދުގައި ކަމަށާއި، އެކަން ބަލައިދިނުމަށް އެދި ފީފާއަށް ގާނޫނީ މައްސަލައެއް ހުށަހަޅައިފައިވާ ކަމަށެވެ. އެގޮތުން ސަލާހަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ލިބުނު ޖިސްމާނީ އަދި ނަފްސާނީ ގެއްލުމުގެ އިތުރުން މިސްރުގެ ރަތްޔިތުންނަށް ކުރިމަތިވި ނަފްސީ ގެއްލުންތަކުގެ ބަދަލު ރާމޯސް ދޭން ޖެހޭނެ ކަމަށްވެސް ވައްބާ ބުންނެޏެވެ.
ވާއްބާގެ ހުށަހެޅުމުގައި ވާގޮތުން އޭނާއަށް މައްސަލަ ކާމިޔާބުވެއްޖެ ނަމަ، ރާމޯސް ފައިސާ ދައްކަން ޖެހޭނީ މިސްރުގެ ދައުލަތުގެ ފަންޑަށެވެ.
މި ސީޒަންގައި ލިވަޕޫލަށް ޖުމްލަ 44 ގޯލް ޖަހައިދީ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ލީގުގެ ރަން ބޫޓުވެސް ހޯދި ސަލާހަށް ލިބުނު އަނިޔާއާ ގުޅިގެން ރާމޯސްއަށް ފިޔަވަޅު އަޅައިދިނުމަށް އެދި އެތައް ލައްކަ ބަޔަކު ވަނީ ޕެޓިޝަނެއްގައިވެސް ސޮއިކޮށްފައެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޔުކުރެއިންގެ ކިއޭވްގައި ކުޅުނު ފައިނަލްގައި ރެއާލްއިން ލިވަޕޫލް ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ސަލާހަށް އަނިޔާވެފައި ވަނީ ފުރަތަމަ ހާފްގައެވެ. އަނިޔާއާ ގުޅިގެން އޭނާއަށް މެޗުގެ ބާކީބައި ގެއްލިފައިވާ އިރު، ސަލާހް ބުނެފައި ވަނީ މިސްރާއެކު ވޯލްޑް ކަޕަށް ދިއުމަށް އޭނާއަށް އުންމީދު ބޮޑު ކަމަށެވެ.