31 May 2018, 13:53
ވޮޝިންޓަން (މޭ 31): އުތުރު ކޮރެއާގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ، ޖެނެރަލް ކިމް ޔޮންގް ޗޮލް އެމެރިކާއަށް ވަޑައިގެން، އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯއާ ބައްދަލުކުރައްވައިފި އެވެ.
އެބައްދަލުވުމަކީ އަންނަ މަހު ސިންގަޕޫރުގައި ބާއްވަން ހަމަޖެހިފައިވާ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.
ކިމް ޔޮންގް ޗޮލް އާއި ޕޮމްޕިއޯ ރޭ ބައްދަލު ކުރެއްވި ނަމަވެސް، އެބައްދަލުވުމުގެ ތަފްސީލު ދެ ގައުމުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެދެ ބޭފުޅުންގެ އިތުރު ބައްދަލުވުންތަކެއް މިއަދު ބާއްވާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އުތުރު ކޮރެއާގެ ވެރިކަން ކުރާ ވޯކާސް ޕާޓީގެ ސެންޓްރަލް ކޮމިޓީގައި ވައިސް ޗެއާމަންކަން ކުރައްވާ ކިމް އަކީ 2000 ވަނަ އަހަރުގެ ފަހުން އެމެރިކާއަށް ވަޑައިގެންނެވި އުތުރު ކޮރެއާގެ އެންމެ އިސް އޮފިޝަލެވެ.
ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ހަމަޖެހިފައިވާ ޓްރަމްޕާއި ކިމްގެ ސަމިޓު ކެންސަލް ކުރަން ނިންމެވިކަން މިދިޔަ ބުރާސްފަތި ދުވަހު ޓްރަމްޕް އިއުލާން ކުރެއްވި އެވެ. ނަމަވެސް އޭގެ ފަހުން 24 ގަޑިއިރު ވެސް ނުވަނީސް ޓްރަމްޕް ވަނީ އެކަމާ ބެހޭ ގޮތުން ޚިޔާލު ބަދަލު ކުރައްވައިފަ އެވެ. (ބީބީސީ)