ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އެޓީމުގެ ރަމްޒެއް ކަމަށާއި، ރޮނާލްޑޯ ނެއްތަން އެއްވެސް ކުޅުންތެރިއަކަށް ފޫ ނުބެއްދޭނެ ކަމަށް ކްލަބުގެ ލެޖެންޑް، އިކާ ކަސިޔަސް ބުނެފިއެވެ.

ރެއާލް މެޑްރިޑާއެކު 16 އަހަރު ހޭދަކޮށް، އެޓީމަށް 500 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ކަސިޔަސް މިހާރު ކުޅެމުންދަނީ ޕޯޗުގަލްގެ ޕޯޓޯއަށެވެ. ޕޯޓޯއާއެކު މި ސީޒަންގެެ ޕޯޗުގަލް ލީގުވެސް ކާމިޔާބު ކުރި ކަސިޔަސް ބުނެފައި ވަނީ އޭނާ އުންމީދު ކުރަނީ ރެއާލްގައި ރޮނާލްޑޯ މަޑުކުރާނެ ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލް އަތުން މޮޅުވެ، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި ނެގުމަށްފަހު ރޮނާލްޑޯ ބުނީ ރެއާލްގައި މަޑުކުރުމާ މެދު ގޮތެއް ނިންމާނީ ދުވަސް ކޮޅަކަށް ފަހުގައި ކަމަށެވެ. ރޮނާލްޑޯ އެހެން ބުނުމާއެކު އޭނާ ރެއާލް ދޫކޮށްލާނެ ކަމުގެ އަޑުތައް ގަދަވެފައިވާ އިރު، ރޮނާލްޑޯގެ ފަރާތުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

"އަބަދުވެސް ރޮނާލްޑޯ ރެއާލް ދޫކޮށްލާ ކަމުގެ ވާހަކަތައް ދައްކާ. އެކަމަކު އެންމެ ފަހުވަގުތު އޭނާ އަބަދުވެސް މަޑުކުރާނެ ރެއާލްގައި. އަހަރެން އުންމީދު ކުރަނީ މިފަހަރުވެސް ރޮނާލްޑޯ މަޑުކުރާނެ ކަމަށް. އެއީ އޭނާ ނެތްތަން ފޫބެއްދޭނެ ވަރުގެ އެހެން ކުޅުންތެރިއަކު ނާންނާނެތީ،" ކަސިޔަސް ބުންޏެވެ.

ކަސިޔަސް ބުނީ ރޮނާލްޑޯއަކީ ރެއާލްގެ ރަމްޒެއް ކަމަށާއި، ރޮނާލްޑޯއަކީ ރެއާލް ކަމަށެވެ.

"އަލްފްރެޑޯ ޑި ސްޓެފަނޯއަކީ ރެއާލްގެ ރަމްޒެއް. ހަމަ އެ ލެވެލްގައި ރޮނާލްޑޯވެސް މިހުރީ. ރޮނާލްޑޯއަކީ ރެއާލް،" ކަސިޔަސް ބުންޏެވެ.

މި ސީޒަންގައި ރެއާލް ބްރެޒިލްގެ ތަރި ނޭމާ ގެންނަން އުޅޭ ކަމުގެ ވާހަކަތައް މީޑިއާގައި ގަދަވެފައިވާ އިރު، ކަސިޔަސް ބުނީ ނޭމާއަށްވެސް ރޮނާލްޑޯގެ މަގާމު ރެއާލްގައި އަދާ ކުރެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ތިން ފަަހަރު ޗެމްޕިއަންސް ލީގުގެ ތަށި ނަގައިދިން ކޯޗު، ޒައިނުއްދީން ޒިދާން އިއްޔެ ކްލަބުގެ ކޯޗުކަމުން އިސްތިއުފާ ދީފައިވާ އިރު، ކްލަބަށް އާ ކޯޗަކު ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެގޮތުން ވޯލްޑް ކަޕްގެ ކުރިން ރެއާލްގެ ކޯޗަކު އިއުލާން ކުރަން ތައްޔާރުވާ ކަމަށްވެސް ބައެއް މީޑިއާތަކުން ބުނެއެވެ.