02 Jun 2018, 13:48
ފީފާ ވޯލްޑް ކަޕް 2026 ހޯސްޓް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް މޮރޮކޯ އިން ކޮށްފައިވާ ބިޑްގައި "ހައި ރިސްކް" ގިނަ ކަންތައްތަކެއް ހުރި ނަމަވެސް ފީފާ އިން އެ ބިޑް ބަލައިގެންފި އެވެ.
ވޯލްޑް ކަޕް 2026 ބާއްވާނެ ހޯސްޓެއް ކަނޑައެޅުމަށް ނަގާ ބިޑްގެ ފައިނަލް ވޯޓުލުން އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުގަ އެވެ. މޮރޮކޯގެ އިތުރުން ވޯލްޑް ކަޕް ބޭއްވުމަށް ދެން ބިޑް ހުށައަޅާފައި ވަނީ އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯ އެއްކޮށް ވޯލްޑް ކަޕް ހޯސްޓް ކުރުމަށެވެ.
އެ ތިން ގައުމުން ހުށަހަޅާފައިވާ ބިޑް "ހައި ރިސްކް" މައްސަލައެއް ދިމާނުވެ ފީފާއިން ބަލައިގަތް ނަމަވެސް މޮރޮކޯގެ ބިޑްގެ ތިން ކަމެއް ފީފާ އިން ވަނީ "ހައި ރިސްކް" ކަމަށް ބުނެފަ އެވެ. މޮރޮކޯގެ ވޯލްޑް ކަޕް ބިޑަށް ފީފާގެ އިންސްޕެކްޝަނުން ފަސް ޕޮއިންޓްގެ ތެރެއިން 2.7 ޕޮއިންޓް ލިބިފައިވާ އިރު، އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގެ ޖޮއިންޓް ބިޑް ފީފާގެ އިންސްޕެކްޝަނުން ފާސްވީ ހަތަރު ޕޮއިންޓާ އެކުގަ އެވެ.
ފީފާ އިން ބުނެފައި ވަނީ މޮރޮކޯއިން ހުށަހެޅި ބިޑްގައިވާ 14 ސްޓޭޑިއަމްގެ ތެރެއިން ނުވަ ސްޓޭޑިއަމްއަކީ މުޅިން އަލަށް އަޅަން ޖެހޭ ސްޓޭޑިއަމްތައް ކަމަށާއި އަނެއް ފަސް ސްޓޭޑިއަމްއަކީ މިހާރު ބޭނުންކުރާ ސްޓޭޑިއަމްތައް ނަމަވެސް ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހޭ ކަމަށެވެ. މޮރޮކޯ ބިޑްގެ ދަތުރުފަތުރާއި ޓީމުތަކުގެ އެކޮމަޑޭޝަނަށް ވެސް ފީފާ އިން "ހައި ރިސްކް" ދީފައިވާ އިރު، މޮރޮކޯގެ ބިޑަށް ދެ ޕޮއިންޓަށް ވުރެ ދަށް ލިބުނު ނަމަ ފީފާ އިން ބަލައި ނުގަންނާނެ އެވެ.
މޮރޮކޯ އިން 2026 ވަނަަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ބިޑް ކޮށްފައިވާ އިރު، އެ ގައުމުން ވޯލްޑް ކަޕް ސްޓޭންޑާޑަށް އިމާރާތައް ފުރިހަމަ ކުރުމަށް ވެސް ގާތް ގަނޑަކަށް 12 ބިލިއަން ޕައުންޑް ބޭނުންވާ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. ދެހާސް ސައްބީސް ވަނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ 48 ގައުމަކުން ވާދަކުރާނެ ފުރަތަމަ ވޯލްޑް ކަޕަށެވެ. އެހެން ކަމުން ހޯސްޓް ކުރާ ގައުމަކުން އެކޮމަޑޭޓް ކޮށްދެން ޖެހޭ ޓީމުތަކުގެ އަދަދު ގިނަވާނެ އެވެ.
މީގެ ކުރިން ވެސް 1994، 1998ގެ އިތުރުން 2006 އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް މޮރޮކޯއިން ބިޑްކޮށް، އެގައުމަށް ވަނީ އެކަން ނާކާމިޔާބުވެފަ އެވެ.