މީގެ ފަނަރަވަރަކަށް އަހަރު ކުރިން ޕްލޭންކޮށްފައިވާ ފިލްމު "ކަލަންކް"ގެ ޝޫޓިން މިހާރު ފަށާފައިވާއިރު އެ ފިލްމުގެ ހާއްސަ ލަވައަކުން ކުޅަދާނަ ބަތަލާ ކްރިތީ ސެނަން ފެނިގެންދާނެ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

ވަރުން ދަވަން އާއި އަދިތިޔާ ރޯއީ ކަޕޫރާ އެކު ކްރިތީ ފެނިގެންދާ އެ ލަވައަކީ ތިން ދުވަހުން ޝޫޓްކުރަން ހަމަޖެހިފައިވާ ލަވައެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ ލަވަ ޝޫޓްކުރުމަށް ހާއްސަކޮށް ސެޓެއް ވެސް ހަދާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އެ ލަވަ އަކީ ރެމޯ ޑި ސޫޒާ ކޮރިއޯ ހަދާ ލަވައެކެވެ.

ދަރްމާ ޕްރޮޑަކްޝަން އާއި ނަޑިއަވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓުން ގުޅިގެން ގެނެސްދޭ އެ ފިލްމުގެ ތަރިންގެ ތެރޭގައި ލެޖެންޑް މާދުރީ ދިކްސިޓް، ބަތަލާ ސޮނާކްޝީ ސިންހާ، އާލިއާ ބަޓް، އަތިދްޔާ ރޯއީ ކަޕޫރު ހިމެނެއެވެ. އަދި މީގެ އިތުރުން ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލު ވަރުން ދަވަން އަދި ސަންޖޭ ދަތު ވެސް އެ ފިލްމުން ފެނިގެންދާނެއެވެ. އަދި ބަތަލު ކުނާލް ކޭމޫ ވެސް ފެނިގެންދާނެއެވެ.

އަބީޝޭކް ވަރްމަން ޑައިރެކްޓްކުރާ އެ ފިލްމަކީ ފޮކްސް ސްޓާ ސްޓޫޑިއޯ އިން ގެނެސްދޭ ފިލްމެކެވެ.

"މިއީ 1940ގެ އަހަރުގެ ވާހަކަތަކެއް ކިޔާދޭނެ ފިލްމެއް. މި ފިލްމަކީ ކަރަން ޖޯހަރު އަދި ޔާޝް ޖޯހަރު މީގެ 15 އަހަރު ކުރިން ޕްލޭންކޮށްފައިވާ ފިލްމެއް،" ތަރަޝްގެ ޓްވީޓްގައި ބުނެފައިވެއެވެ.

"ކަލަންކް" ރިލީޒްކުރާނީ އަންނަ އަހަރު އޭޕްރިލް މަހު 19ގައެވެ.