05 Jun 2018, 15:10
ރަށު ފެންވަރުގައާއި ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ޒަމާނާއެކު ލިބުނު ފަސޭހަތަކަކީ ތިމާވެއްޓާރައްޓެހި ފަސޭހަތަކަކަށް ބަދަލު ކުރުން މިއަދު އެބަޖެހޭ ކަމަށް އެންވާރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަރަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ، ޒަމާނާއެކު ދިރިއުޅުމަށް އަންނަމުންދާ ބަދަލުތަކާއެކު ގުޅިލާމެހިފައިވާ ފުރިހަމަ ގުދުރަތީ ނިޒާމްތަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.
އެގޮތުން ދިރިއުޅުމުގެ ގިނަ އަސާސީ ބޭނުންތަކުގެ އާސާރުތައް މި ބިން މައްޗަށް މިއަދު ދޫކުރެވިގެން ދަނީ ކުނީގެ ސިފައިގައި ކަމަށާއި އޭގެ ތެރޭގައި އަމިއްލަ ޒާތުގައި ނެތި ފަނާވެ ނުދާ ޕްލާސްޓިކް ކުނީގެ ހިއްސާ ބޮޑުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އަދި އެފަދަ ކުނީގެ އާހިރު މަންޒިލަކަށް ކަނޑުތަކާއި ގޮނޑުދޮށްތައް ވެފައިވާކަމީ ހިތާމަކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ނާޒުކު ފަރުތަކުގެ ދުޅަހެޔޮ ކަމަކީ މިގައުމުގެ އިގްތިސާދު އޭގެ މައްޗަށް ބަރޯސާވެފައިވާ ފަތުރުވެރިކަމާއި މަސްވެރިކަން އެކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށެވެ.
"ޕްލާސްޓިކު ކުނިން މިފަރުތައް ތަގައްޔަރު ވަމުންދާ ކަމުގައިވަނީނަމަ، އޭގެ އަސަރު އެކި ފެންވަރުގާ އެހެނިހެން އެކިއެކި ދިރުންތަކަށް ކުރާނެ ކަމެކެވެ. އެންވެރިކަމާ މަސްވެރިކަން ގުޅިފައިވާ ގޮތަށް އެއްގަމު ދިރުންތަކާ ދޫނިސޫފާ ސޫފިގެ ދިރުންވެސް މި ވަނީ ހަމަ އެކަތި އަނެކައްޗާ ގުޅިލާމެހިފައި،" މިނިސްޓަރުގެ ހިތާބުގައި ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ތިމާވެށި ދުވަހެއްގައި ތިމާވެއްޓާ ރަހުމަތްތެރި އާދަތަކަށް ބަދަލުވުމަށްޓަކައި އަޒުމު އާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކްގެ ބަދަލުގައި ގިނަ ފަހަރު ބޭނުން ކުރެވޭ ޒާތުގެ އެހެން ހައްލުތައް ބޭނުންކުރުން މުހިންމު ކަމަށާއި ގޭތެރޭގައާއި އޮފީސް އަދި އާންމު ދިރިއުޅުމުގައި ވެސް އެފަދަ ހައްލުތަކަށް ސަމާލުކަން ދިނުން މި އަގުބޮޑު ރީތި ވެށީގެ ހައްގުގައި މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން އަމިއްލައަށް އިސްނަގައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މަދަނީ ޖަމާއަތެއްގެ އިސްނެގުމާއިއެކު ފާއިތުވީ 18 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން 893 ޓަނުގެ ޕްލާސްޓިކް ރިސައިކަލް ކުރުމަށް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އެފަދައިން އަމިއްލަ އިސްނެގުމާއިއެކު އާންމު ފަރާތްތަކުން ކުރާ އެތައް އަގުހުރި މަސައްކަތްތަކެއްގެ މިސާލު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.