07 Jun 2018, 09:26
ނިއު ރޭޑިއަންޓްގެ ސްޕެއިން ކޯޗު، އޮސްކާ ބުރުޒޮން ބޭނުންވާ އެއްވެސް ކުޅުންތެރިއަކު ޓީމުން ދޫ ނުކުރާނެ ކަމަށާއި، ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށްވެސް ނުކުންނާނީ ވަރުގަދަކޮށް ކަމަށް ޓީމުގެ ޖެނެރަލް ސެކްރަޓަރީ އަހުމަދު ނިޔާޒު (ޓެޑް) ބުނެފިއެވެ.
ޓެޑް މިހެން ބުނެފައި ވަނީ ނިއުއިން ދިވެހި ޕްރިމިއާ ލީގަށް ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލައި، ޓީމުގެ ބޭރު ކުޅުންތެރިންވެސް ފޮނުވާލަން އުޅޭ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.
"ސަން ސްޕޯޓްސް"އަށް މައުލޫމާތު ދެމުން ޓެޑް ބުނެފައި ވަނީ ޓީމުގެ އެއްވެސް ކުޅުންތެރިއަކު ފޮނުވާލުމުގެ ވިސްނުން ނެތް ކަމަށާއި، ބިދޭސީ ކުޅުންތެރިންގެ ތެރިންވެސް ޓީމުގައި މަޑުކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ސްކޮޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށްވެސް ޓެޑް ބުންޏެވެ.
ޓީމަށް މިއަހަރު ގެނައި ސްޕެއިން ފޯވަޑް ގުއިލެމް މާޓީގެ ފަރާތުން އެންމެ އެކަށީގެންވާ ކުޅުމެއް ފެނިފައި ނުވާތީ ނިއުއިން އޭނާ ފޮނުވާލައިފައިވާ އިރު، ޓެޑް ބުނީ ޓީމަށް އާ ބިދޭސީ ފޯވަޑެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ލީގުގައި ބާކީ ދެ މެޗު އޮއްވާ ނިއުއިން ލީގު ޔަގީން ކޮށްފައިވާ އިރު، ކޯޗު އޮސްކާ ބުނީ މި އަހަރު ކުރިމަތިވި ހަމައެކަނި މާޔޫސް ކަމަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުން ކަމަށެވެ. މި ސީޒަނަށް ނިއު ނުކުތީވެސް އޭއެފްސީ ކަޕްގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ބޮޑު އުންމީދެއް ގައެވެ. އެޓީމަށް އޭއެފްސީ ކަޕް ދެވަނަ ބުރުން ޖާގަ ގެއްލުނީ ހަނި ފުރުސަތަކުންނެވެ.
ނިއުއިން މިހާތަނަށް މާލޭ ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. ނިއުއަށް ލީގު ކަށަވަރުވެފައި އޮތް ނަމަވެސް، ނިއުގެ މުހިއްމު ކުޅުންތެރިންތަކެއް ޓީމު ދޫކޮށްލާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް ކްލަބުން ބުނެފައި ވަނީ ޕްރިމިއާ ލީގަށްވެސް ނުކުންނާނީ ކޯޗު އޮސްކާ ބޭނުންވާ ސްކޮޑާއެކުގައި ކަމަށެވެ.