ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ރިއަލިޓީ ޓީވީ ޝޯ އެމެރިކަން އައިޑަލް މިއަހަރު އޭބީސީ ޓީވީން ވަނީ ދައްކަން ފަށައިފައެވެ. ޖަޖުންގެ ޕެނަލަށްވެސް ބޮޑު ބަދަލެއް ގެނެސްގެން ބޭއްވި އެމެރިކަން އައިޑަލްގެ 16 ވަނަ ސީޒަން، އަދި އޭބީސީން ދެއްކި ފުރަތަމަ ސީޒަން ކާމިޔާބު ކުރީ މެޑީ ޕޯޕް އެވެ.

މިދިޔަ ސީޒަން ނިމުމުގެ ކުރިން އެމެރިކަން އައިޑަލްގެ އިތުރު ސީޒަނެއް ގެންނާނެކަން ވަނީ އިއުލާނުކޮށްފައެވެ. މިހާރު 17 ވަނަ ސީޒަން ރަސްމީކޮށް އިއުލާނުކޮށް އޮޑިޝަންތައް ބާއްވާނެ ސަަރަހައްދުތައްވެސް ވަނީ ކަނޑައަޅައިފައެވެ.

މިއަހަރުގެ އޮގަސްޓް މަގުގެ 25 ވަނަ ދުވަހު އެމެރިކަން އައިޑަލްގެ 17 ވަނަ ސީޒަންގެ އޮޑިޝަންތައް ފަށަން ނިންމާފައިވާއިރު ސެޕްޓެމްބަރު 17ގެ ނިޔަލަށް އޮޑިޝަންތައް ކުރިއަށްދާނެއެވެ.

އުމުރުން 15 އަހަރުން މަތީގެ މީހުންނަށް ބައިވެރިވެވޭ މި ޝޯގެ ޖަޖުންގެ ޕެނަލުން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ނީ ކޭޓީ ޕެރީ އާއި ލޫކް ބްރާޔަން އަދި ލިއޮނަލް ރިޗީ އެވެ.

އެންމެ ފަހުގެ ސީޒަންގެ ހޮސްޓަކީ ވެސް ރިއާން ސީކްރެސްޓް އެވެ.