ހުނަރުވެރި އެކްޓަރު ރާޖްކުމާރު ރާއޯ އަދި ބަތަލާ ޝްރައްދާ ކަޕޫރު އެކުގައި ފެނިގެންދާ ފިލްމު "ސްޓްރީ" ރިލީޒް ކުރާނެ ދުވަސް ހާމަކޮށްފއެވެ.

ޝްރައްދާ އާއި ރާޖްކުމާރު ހާމަކުރި ގޮތުގައި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓު މަހުގެ 31ގައެވެ. އެ ފިލްމަކީ ބިރުވެރި މަޖާ ފިލްމެކެވެ. ދެ ތަރިން ވަނީ ޓުވިޓާ މެދުވެރިކޮށް މިދިޔަ ބުދަ ދުވަހު 59 ސިކުންތުގެ ވީޑިއޯ އެއް ހިއްސާކޮށްފައެވެ.

ވީޑިއޯގައި ފެންނަނީ ފަޅު އަވަށެކެވެ. އަދި ގެއެއްގެ ފާރެއްގައި "ސްޓްރީ! މާދަމާ އާދޭ" މިހެން ލިޔެފައިވެއެވެ. ވީޑިއޯ ނިމޭ އިރު ބިމުގައި ފައި ނުޖެހޭ ކަޅު އެއްޗެއް ފެނެއެވެ. ފިލްމަކީ އިންޑިއާގެ ބޯޕާލްގެ އަވަށެއް ކަމުގައިވާ ޗަންދޭރީގެ މީހުން ގަބޫލު ކުރާ ގަބޫލުކުރުމެއްގެ މައްޗަށް އުފައްދައިފައިވާ ފިލްމެކެވެ.

އަމަރު ކޯޝިކް ޑައިރެކްޓުކޮށްފައިވާ އެ ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ދިނޭޝް ވިޖާން، ރާޖް އަދި ޑީކޭ އެވެ.

"ސްޓްރީ"ގެ އިތުރުން ރާޖްކުމާރު އަދި ޝްރައްދާ ވެސް އަންނަނީ އިތުރު ފިލްމުތަކުގައި މަސައްކަތް ކުރަމުންނެވެ.

ރާޖްކުމާރު މިހާރު އަންނަނީ ކަންގަނާ ރަނައުތު އާއެކު "މެންޓަލް ހޭ ކިޔާ" ޝޫޓު ކުރަމުންނެވެ. އަދި ޝްރައްދާ އަންނަނީ ޝާހިދު ކަޕޫރު އާއެކު "ބައްތީ ގުލް މީޓަރު ޗާލޫ"ގެ މަސައްކަތާއި ޕްރަބާސް އާއެކު "ސާހޯ"ގެ މަސައްކަތް ކުރަމުންނެވެ.