08 Jun 2018, 19:58
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެމުން ދިޔަ ޒޮހިބް އިސްލާމް އަމީރީ މިއަދު އެ ކްލަބު ދޫކޮށްލަން ނިންމައި، ރާއްޖެއިން ފުރައިފިއެވެ.
ނިއުއާއި އަމީރީއާ ދޭތެރޭ މައްސަލަތަކެއް ޖެހިފައިވާ ކަމަށް ވާހަކަތައް ދެކިވިފައި ވަނިކޮށް، ރޭ އެޓީމުން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައި އަމީރީގެ ނަން ހިމަނާފައެއް ނުވެއެވެ.
މެޗަށްފަހު ކޯޗު އޮސްކާ ބުރުޒޮން ބުނީ އަމީރީގެ ވާހަކަ ދައްކާނީ ކްލަބުން ކަމަށާއި ބައެއް ވާހަކަތަކަކީ އޭނާ ކްލަބުގައި ކުރާ މަސައްކަތަކާ ނުގުޅޭ ވާހަކަތައް ކަމަށެވެ.
އަމީރީގެ ހާލަތާ ގުޅޭގޮތުން ކްލަބުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ވިދާޅުވީ އަމީރީ ހުރީ ކްލަބުގެ ކޮންޓްރެކްޓްގައި ކަމަށާއި އޭނާއާ ގުޅިގެން އިތުރު މައުލޫމާތުތަކެއް މީޑިއާއަށް މިވަގުތު ދޭން ބޭނުން ނުވާ ކަމަށެވެ.
"ކޮންޓްރެކްޓްގައި ނެތް ކަންތައްތަކެއް ޑިމާންޑު ކުރަމުން އަމީރީ ދަނީ. އޭނާ ހުރީ ނިއުގެ ކޮންޓްރެކްޓްގައި ކަމަށް ވުމުން އެކަމާ ގުޅިގެން އިތުރުން ވާހަކަތަކެއް މިވަގުތު މީޑިއާއާ ހިއްސާކުރަން ބޭނުމެއް ނުވޭ،" ޓެޑް ވިދާޅުވިއެވެ.
ފުރަން ގޮސްހުރެ ބައެއް ނޫސްވެރިންނާ ވާހަކަ ދައްކަމުން އަމީރީ ބުނީ ނިއުއިން އޭނާއާ ދޭތެރޭ ކަންތައް ކުރިގޮތުން ވަރަށް ހިތްހަމަ ނުޖެހިފައި ހުރި ކަމަށާއި، ކްލަބުން އޭނާއާ ދޭތެރޭ ކަންތައް ކުރީ ވަރަށް "އަން ޕްރޮފެޝަނަލް" ގޮތަކަށް ކަމަށެވެ. އަދި އެ ކަންކަމުގެ ހެކި އޭނާ އަތުގައި އެބަހުރި ކަމަށްވެސް އަމީރީ ބުންޏެވެ.
އަފްގާނިސްތާން އަދި ނިއުގެ ޑިފެންޑަރު ޒޯހިބް އިސްލާމް އަމީރީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ކޮންޓްރެކްޓްގައި ނެތް ކަމަކަށް އަމީރީ ޑިމާންޑް ކުރާ ކަމަށް ނިއުއިން ބުނެފައިވާ އިރު، އަމީރީ ބުނީ ކްލަބުން ހަދަނީ ދޮގު ކަމަށާއި ކްލަބުން ބުނާ ވާހަކަތަކުގެ ހެކި ހުރި ނަމަ އެއް މޭޒަކަށް އައިސް އެކަންކަން ދައްކަންވީ ކަމަށެވެ.
"ކޮންޓްރެކްޓުގައި ނެތް ކަމަކަށް އަހަރެން ޑިމާންޑް ނުކުރަން. އެހެން ބުނަމުން އެ މާނަކުރަނީ އެޕާޓްމަންޓްގެ ވާހަކައަށް. އެކަމަކު އެއީ ދޮގު. އަހަރެން ރަނގަޅަށް ނުކުޅޭ ވާހަކަވެސް ކޯޗު ބުނި ވާހަކައެއް ގޮތުގައި ބުނި. ދެން އެހެންވެސް ވެދާނެ. އެކަމަކު އެންމެނަށްވެސް އެނގޭނެ އަހަރެން މިދިޔަ ހަ މަސް ތެރޭ ދެއްކި ކުޅުން. އަހަރެން ކަން ކަމަށް ޑިމާންޑް ކުރާ ވާހަކަ ބުނި އިރު، ރޭގަނޑުގެ މެންދަމު 12 ޖެހި އިރު، އަހަރެން ބަލިވެ އޮއްވާ ގޮސް އެޕާޓްމަންޓުން ބޭރުވާން ބުނީ. އެއީ އެކަމަށް އެންމެ އެކަށޭނެ ގަޑިއެއް ނޫން ކަންނޭނގެ. ވަރަށް ބާރަށް ދޮރުގައި ޖަހައިފައި ވަރަށް ބާރަށް ނުކުންނަން ބުނީ. އަހަރެން އަތުގައި އެބަހުރި ވީޑިއޯތައްވެސް. ދާންވީ އިތުރު ތަނެއްވެސް ނުބުނޭ. އަހަރެން އަމިއްލައަށް ތަނެއް ހިފައިގެން މިދިޔަ ތިން ދުވަހު މި އުޅުނީ،" އަމީރީ ބުންޏެވެ.
އަމީރީ ބުނީ އޭނާ ކްލަބުން ދޭންވާ މުސާރަ ޑިލޭވި ނަމަވެސް އޭނާ ކްލަބަށް 100 ޕަސެންޓް ދެމުން ދިޔަ ކަމަށެވެ. ހާއްސަކޮށް ހުރިހާ މެޗެއްގައިވެސް އޭނާގެ އެންމެ މޮޅު ކުޅުން ކްލަބަށް ދިން ކަމަށްވެސް އަމީރީ ބުންޏެވެ.
އަމިރީ އިތުރަށް ބުނީ ކްލަބުން އޭނާއާ ދޭތެރޭ ކަންތައް ކުރި ގޮތް އޭނާގެ ލޯޔަރާއި އޭޖެންޓާ ހިއްސާ ކޮށްފައިވާނެ ކަމަށާއި، ފީފާއަށް މައްސަލަ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޕްރޮފެޝަނަލީ ކުޅުންތެރިއަކަށް ބަލައި ނުގަނެވޭނެ ގިނަ ކަންތައްތަކެއް ކްލަބުން އޭނާއަށް ކުރިކަން ފީފާއަށް އެނގެން ޖެހޭނެ ކަމަށްވެސް އަމީރީ ބުނެފައިވެއެވެ.
އަމީރީ ބުނީ އޭނާ ނިއުގައި ހޭދަކުރި މުއްދަތަކީ އުފާވެރިކަމުގެ ގިނަ ހަނދާންތަކެއް ގެނުވި ދުވަސްތަކެއް ކަމަށެވެ. އެގޮތުން ކްލަބުގެ ސަޕޯޓަރުންނާއި ހުރިހާ ކުޅުންތެރިންގެ އިތުރުން ރާއްޖެއިން ދިމާވި ހުރިހާ ރައްޓެހިންގެ މަތިންވެސް ހަނދާން ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
"ނިއުގެ ހުރިހާ ސަޕޯޓަރުންނާއި ހުރިހާ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން. އަހަންނަށް ހުރިހާ ކުޅުންތެރިންނާއި ސަޕޯޓަރުން ވަރަށް ރަނގަޅު. މިދިޔަ ހަފްތާ ތެރޭގައި ވަރަށް ގިނަ ކަންކަން ދިމާވެއްޖެ. އެއްވެސް ކުޅުންތެރިއަކު މިގޮތަށް ކަންތައްވީމަ ބަލައެއް ނުގަންނާނެ. އަހަންނަށް ކްލަބުން ކަންތައް ކުރީ ވަރަށް ގޯސްކޮށް. މިދިޔަ ދެމަހާ ބައިހާ ދުވަހު އަހަންނަށް މުސާރަވެސް ނުދޭ. ކުޅުންތެރިއެއްގެ ހައިސިއްޔަތުން އެކަންކަން ގަބޫލު ނުކުރެވޭތީ މިދަނީ،" އަމީރީ ބުންޏެވެ.
އޭއެފްސީ ކަޕްގައި އިންޑިއާގެ ބެންގަލޫރު އެފްސީއާއި ރާއްޖޭގެ ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިއުއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަމީރީ ބުނީ ކްލަބު ދޫކޮށްދާން ނިންމީ އޭނާ ކަމަށާއި، ރިލީޒް ދިން ކަމުގެ ސިޓީއަކަށް އެދިފައިވާ ކަމަށެވެ. ނިއުއިން އަދި އެ ސިޓީ އޭނާއަށް ނުދޭ ކަމަށް ވެސް އަމީރީ ބުންޏެވެ.
އަމީރީ މިއަދު އެއާޕޯޓަށް ފުރަސް ގޮސް ހުރި އިރު، އޭނާއާއެކު ކްލަބުގެ އެއްވެސް އޮފިޝަލަކު ފެންނަން ނެތްކަން ފާހަގަކޮށްލެވުނެވެ.