މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ހައްޔަރުކޮށް، ތަހުގީގަށް ފޯނުދޭން ފުލުހުން އެދެމުން ފޯނު ނެތް ކަމަށް އެ ބޭފުޅުން ވިދާޅުވި ކަމަށް ހެކީން ހެކިބަސް ދީފިއެވެ.

މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން ހަތަރު ފުލުހަކު ބުނީ ތަހުގީގަށް ފޯނުދޭން އެންގުމުން ފޯނު ނެތް ކަމަށް އެ ތިން ބޭފުޅުން ވެސް ވިދާޅުވެފައިވާ ކަމަށެވެ.

އެ ހަތަރު ފުލުހުން ހެކިބަސް ދިނީ ޝަރީއަތުގެ މަޖިލީހުގައި ފާޅުގައެވެ. އެ ހެކީންގެ އިތުރުން ސިއްރު ހެކީގެ ގޮތުގައި ހުށަހަޅާފައިވާ މީހެއްގެ ހެކިބަސް ވެސް މިރޭ ވަނީ ނަގާފައެވެ.

ސިއްރުން ހެކިބަސްދިން މީހާ ބުނީ އަބްދުﷲ ސައީދާއި އަލީ ހަމީދާ ތަފާތު އެކި ދުވަސްމަތިން އޭނާ ފޯނުން މުއާމަލާތްކޮށްފައިވާނެ ކަމަށެވެ. އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅީ އެ ދެ ބޭފުޅުން ފޯނު ގެންގުޅޭކަން ސާބިތުކޮށްދިނުމަށެވެ.

މިރޭ ހެކިބަސް ދިން ދެ ފުލުހަކު ބުނީ އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކުރީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ކޮޓަރިއެއްގެ ތެރެއިން ކަމަށެވެ. އަދި އެތަނުން ހައްޔަރުކޮށް ފޯނު ދިނުމަށް އެ ދެ ބޭފުޅުންނަށް ފުލުހުން އެންގުމުން ފޯނު ނެތް ކަމަށް ވިދާޅުވެފައިވާ ކަމަށް އެ ދެ ހެކިވެރިން ބުންޏެވެ.

ފޯނު ހޯދުމަށް ސުޕްރީމް ކޯޓު ބަލައިފާސް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އެ ކޯޓުގެ ތެރެއިން ފޯނު ނުފެނުނު ކަމަށް އެ ދެ ހެކިވެރިން ބުންޏެވެ.

މިދިޔަ ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ރައީސް މައުމޫން ހައްޔަރުކުރީ އެމަނިކުފާނު ދިރިއުޅުއްވާ މާފަންނު އެންދެރިމާގޭގައި ހުންނަވަނިކޮށް ކަމަށް ހެކިބަސް ދިން އިތުރު ދެ ފުލުހަކު ވަނީ ބުނެފައެވެ.

ހައްޔަރުކޮށް ފޯނު ދިނުމަށް އެދުމުން ފޯނު ނެތް ކަމަށް ރައީސް މައުމޫން ވިދާޅުވި ކަމަށް ހެކިބަސް ދިން އެ ދެ ފުލުހުން ބުންޏެވެ. ހަމައެހެންމެ އެންދެރިމާގެ ބަލައިފާސްކުރުމުން ވެސް އެމަނިކުފާނުގެ ފޯނު ނުފެނުނު ކަމަށް ހެކިބަސް ދިން ދެ ފުލުހުން ބުންޏެވެ.

އެ މައްސަލާގައި އެ ތިން ބޭފުޅުންގެ މައްޗަށް ވެސް އުފުލާފައި ވަނީ އަދުލުއިންސާފު ގާއިމްކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.

ދައުލަތުން ހުށަހެޅި ހެކީންނާ ސުވާލުކުރަން ގާޒީ ހަސަން ނަޖީބު ފުރުސަތު ދެއްވުމުން އެ ތިން ބޭފުޅުން ވެސް ވިދާޅުވީ ގާނޫނީ ވަކީލަކާ ނުލައި ހެކީންނާ ސުވާލުކުރަން ބޭނުންނުވާ ކަމަށެވެ. އެ ތިން ބޭފުޅުންގެ ވަކީލުން މީގެކިރިން ވަނީ އެ މައްސަލައިން ތަނާޒުލްވެފައެވެ.

ޖަވާބުގައި ގާޒީ ހަސަން ނަޖީބު ވިދާޅުވީ، ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ހަނި ނުކުރާކަމަށާއި ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމަށެވެ.

އެ މައްސަލާގައި ރައީސް މައުމޫން ދިއުގައި އެއްވެސް ހެއްކެއް ހުށަހަޅުއްވާފައެއްނުވެއެވެ. ނަމަވެސް އަބްދުﷲ ސައީދާއި އަލީ ހަމީދު ވަނީ ދިފާއުގައި ހެކި ހުށަހަޅުއްވާފައެވެ.

ދިފާއުގައި އަލީ ހަމީދު ތިން ހެކީން ހުށަހަޅާފައިވާއިރު، އަބްދުﷲ ސައީދު ހުށަހަޅުއްވާފައި ވަނީ ދެ ހެކީންނެވެ. ނަމަވެސް އެ ހެކީންގެ ހެކިބަސް ނުނަގަން ގާޒީ ހަސަން ނަޖީބު މިރޭ ވަނީ ނިންމަވާފައެވެ.

ގާޒީ ހަސަން ނަޖީބު މިރޭގެ އަޑުއެހުން ނިންމާލެއްވީ އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުމަށް ބާއްވާ އަޑުއެހުން އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ބާއްވާނެކަން އިއުލާން ކުރެއްވުމަށްފަހުއެވެ.