ރެގޭ މިއުޒިކަށް ބޮޑު އިންގިލާބެއް ގެނެސްދިން ކުރީގެ މަޝްހޫރު މިއުޒިކް ލެޖެންޑް ބޮބް މާލީގެ ބައޮގްރަފިކަލް ފިލްމެއް ހެދުމަށް ނިންމައިފިއެވެ.

އެ ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމުގެ ޔަގީންކަން ބޮބް މާލީގެ ދަރިފުޅު ޒިގީ މާލީ ވަނީ ދީފައެވެ. އެ ފިލްމު އިއުލާންކޮށްފައި ވީނަމަވެސް އަދި ފިލްމާ ބެހޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޕެރަމައުންޓް ޕިކްޗާޒްއާ ގުޅިގެން މި ފިލްމް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމުގެ މޭސްތިރިއަކީވެސް އޭނާގެ ދަރިފުޅު ޒިގީއެވެ.

ބޮބް މާލީގެ ލަވަކިޔުމުގެ ކެރިއަރުގައި އޭނާ ވަނީ 15 އަލްބަމެއް ނެރެފައެވެ. މިއަދުވެސް ގިނަ މިއުޒީޝަނުން ރޯލް މޮޑެލެއްގެ ގޮތުގައި ދެކޭ ބޮބް މާލީގެ ލަވަތަކަކީ މިހާރުވެސް އެހުންތެރިންގެ މެދުގައި މަގްބޫލު ލަވަތަކެކެވެ.

އޭނާ މަރުވެފައިވަނީ އުމުރުން 36 އަހަރުގައި ހަމުގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް 1981 ގައެވެ.

އޭނާގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "ވަން ލަވް"، "ނޯ ވުމަން ނޯ ކްރައި"، އަދި "ތްރީ ލިޓްލް ބާޑްސް" ފަދަ ލަވަތައް ހިމެނެއެވެ.

ޕީއެމް ނިއުސް