12 Jun 2018, 12:53
އާސަންދަ ކުންފުންޏާއި އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ހުޅުމާލެ ހޮސްޕިޓަލް ބަދުނާމުވާ ގޮތަށް ބައެއް މީޑިއާތަކުން ވާހަކަ ފަތުރާ ކަމަށާއި އެ ފަރާތްތަކާމެދު ގާނޫނީ ގޮތުން ފިޔަވާޅުތައް އަޅާނެ ކަމުގެ އިންޒާރު އާސަންދަ ކުންފުނިން ދީފިއެވެ.
އާސަންދައިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މިފަހަކަށް އައިސް އެކިއެކި މީޑިއާ ޕްލެޓްފޯމްތަކުގައި ހުޅުމާލެ ހޮސްޕިޓަލާއި އެ ކުންފުނި ބަދުނާމު ވާހެން ވާހަކަ ފަތުރާ ކުންފުނިން ދޭ މައުލޫމާތު ރައްޔިތުންނަށް އޮޅުން އަރާނެހެން ގެނެސްދެމުންދާ ކަމަށެވެ.
އަދި އެފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ދޮގު މައުލޫމާތުތައް ފަތުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅު އަޅާނެ ކަމަށް ވެސް އާސަންދައިން ބުނެފައިވެއެވެ.
އާސަންދައިން އެފަދަ ބަޔާނެއް ނެރެފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ހިންގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާއަށް ހުޅުމާލެ ހޮސްޕިޓަލުން މެމޯ ނުހެދިގެން ފަރުވާ ލަސްކުރި ކަމަށް ވާހަކަތަކެއް ފެތުރިފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން އާސަންދައިން ބުނީ، ޕޭޝަންޓް ހޮސްޕިޓަލަށް ގެނައި ވަގުތުން ފެށިގެން އޭނާއަށް ފަރުވާ ދިނުން ލަސްކޮށްފައިނުވާނެ ކަމަށާއި އެ ހޮސްޕިޓަލުން ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ ދީފައިވާނެ ކަމަށް ބުނެފައެވެ.
އާސަންދައިގެ ބަޔާނުގައި އިތުރަށް ވަނީ، ސިއްހީ ދާއިރާފަދަ ނާޒުކު އަދި ރައްޔިތުންގެ އިހްސާސްތަކާ ނުހަނު ގުޅިފައިވާ ދާއިރާއެއްގެ ކަންކަން ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުމާއި ނަފްރަތު އުފެދޭގޮތަށް ރިޕޯޓް ނުކުރުމަށާއި އެފަދަ ކަންކަމުގައި ހިމެނޭ ފަރާތްތަކަށް އިތުރު ހިތްދަތިކަމެއް ލިބޭފަދަ ގޮތަކަށް އެކިއެކި ޕްލެޓްފޯމް ތަކުގައި ހަގީގަތާއި ހިލާފް ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކޮށްފައެވެ.