ރަސްރަނި ބަގީޗާގައި ހެދި "ރަސްރަނި ވިންޓާ ޕާކް" މިރޭ ހުޅުވައިފިއެވެ.

ވިންޓާ ޕާކްގައި މިރޭ އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގަައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމްއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ އެ ތީމް ޕާކް ހެދުމަށް ބޭރުގެ ގިނަ ފަރާތްތަކެއްގެ ފަންނީ އެހީ ހޯދި ކަމަށެވެ. އަދި އެ ޕާކަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ތަނަކަށް ހެދުމަށް މަސައްކަތް ކުރެވިފައިވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ރަސްރަނި ވިންޓާ ޕާކް ހުޅުވުމުށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މެޑަމް ފާތުމަތު އިބްރާހިމް އެތަން ހުޅުވައިދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

''މިތަން ތަރައްގީ ކުރުމުގައި ފްރާންސްގެ ފެކްޓްރީއެއްގައި މިތަނުގެ އިމާރާތާ ބެހޭ ތަކެތި ޑިޒައިން ކުރެވި ފެބްރިކޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައި ވަނީ. ފްރާންސްގެ އިންޖިނިއަރުންނާ ޖަރުމަންގެ އިނޖިނިއަރުން ހިމެނޭ ގޮތަށް ސީދާ އެފަރާތްތަކުން މިކަން ކޮށްފައިވަނީ ސީދާ ޓޭލާ މޭޑްކޮށް. މީ އެއްގޮތަކަށްވެސް ރެޑީމޭޑްކޮށް ތަނަކުން ގަނެގެން ގެނެސްފައިހުރި އެެއްޗެއް ނޫން މީ. މިތަނަށް އެމީހުން އައިސް ރާއްޖޭގެ މާހައުލާ އެއްގޮތްވާ ގޮތުގް މަތީން ކަލްކިއުލޭޝަންތައް ހަދާފައި މިވަނީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ތީމް ހަދާފައިވަނީ ރާއްޖެ ކަހަލަ ހޫނު ގައުމަކަށް އެންމެ އެކަށޭނެ ގޮތަށް ކަމަށެވެ. އެގޮތުން އެތަނުގެ ފިނިހޫނުމިން ހިފެހެއްޓުމަށް އެލުމިނިއަލް ކްލެޑިންއެއް ބޭނުންކޮށްގެން އަށް އިންޗިއަށް ވުރެ ބޮޑު ފާރެެއް ގިނަ ފަށަލަތަކެއް ހިިމަނައިގެން ލާފައިވާ ކަމަަށް މުއިއްޒު ވިދާޅުވިއެވެ.

ރަސްރަނި ވިންޓާ ޕާކް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ ރައީސް އޮފީސް

މުއިއްޒު ވިދާޅުވީ ތީމް ޕާކް ހިންގާނީ ސަރުކާރުގެ ބަޖެޓުން ނޫން ކަމަށާއި އަދި އެތަން ހިންގުމަށް ވަކި ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެތަން ހިންގުމަށް ހަވާލުކޮށްފައިވަނީ ޑައިމަންޑް ވިންގްސް ކުންފުންޏާއެވެ. ރަސްރަނި ބަގީޗާގައި ހިންގާ ކެފޭވެސް ހިންގާނީ އެ ކުންފުނިންކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ވިންޓާ ފާކް އާންމުންނަށް ހުޅުވާލާނީ އަންނަ ބުދަ ދުވަހު ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައ ވިންޓާ ތީމް ހިންގާ ޑައިމަންޑް ވިންގްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މައުޒޫން ވިދާޅުވީ އެތަނަށް ވަދެވޭނީ ޓިކެޓް ނަގައިގެން ކަމަށެވެ.

ވިންޓާ ޕާކުގައި ސްލައިޑް ކުރާނެ ވަސީލަތްތަކާއި އަދި އައިސް ސްކޭޓް ކުރެވޭނެ ރިންކެއްވެސް ވަނީ ހިމަނައިފައެވެ.