ވޮޝިންޓަން (ޖޫން 16) : މިއަހަރުގެ ހޫނު މޫސުމުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވައިޓްހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ ޕޫޓިންއާ ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާ މިއަހަރުގެ ހޫނު މޫސުމުގައި ދެބޭފުޅުންގެ ސަމިޓް ބޭއްވިދާނެ ކަމުގައެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރްޖަމާން ޑިމިޓްރީ ބިސްކޯފްވެސް ވަނީ މިއަހަރުގެ ހޫނު މޫސުމުގައި ޓްރަމްޕާއި ޕޫޓިން ބައްދަލުކުރެއްވުން އެކަށީގެންވާކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފައެވެ. ނަމަވެސް މިކަމާބެހޭ އެއްވެސް ކަމެއް އަދި ކުރިޔަށް ނުދާ ކަމަށާ ތާރީޚެއްވެސް ކަނޑައެޅިފައި ނުވާކަމަށް ބިސްކޯފް ވިދާޅުވިއެވެ.

ރަޝިއާއާ އެމެރިކާގެ ގުޅުންތައް ގޯސްވެފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2014 ވަނަ އަހަރުއެވެ. ގުޅުންތައް ގޯސްވި ސަބަބުތަކުގެ ތެރޭގައި ޔުކްރޭންގެ ތަނެއްގެ ގޮތުގައިއޮތް ކްރައިމިޔާ ގެ ރައްޔިތުންގެ އެދުމުގެ މަތިން އެ ސަރަހައްދު ރަޝިއާގެ ތަނެއްގެ ގޮތުގައި ހަމަޖެއްސުމާއި ޔުކްރޭންގެ އިދިކޮޅު ފަރާތްތަކަށް ރަޝިޔާއިން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މި ދެ ކަންތައް ރަޝިއާއިން ކުރީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް އަޑީގައި ތިބެގެން ޔުކްރޭންގެ ވެރިކަން ބަދަލުކޮށް ހުޅަނގަށް ތާއީދުކުރާ ބަޔަކު ޔުކްރޭންގެ ވެރިކަމަށް އައުމާ ގުޅިގެންނެވެ. އެއަށްފަހު އެމެރިކާއާއި ޔޫރަޕުންވަނީ ރަޝިއާއާ ދެކޮޅަށް ބައެއް ފިޔަވަޅުތައްވެސް އަޅާފައެވެ. ނަމަވެސް އެ ފިޔަވަޅުތަކުން ރަޝިއާގެ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާތީ މަގްސަދު ހާސިލުކުރުމުގައި ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ ނާކާމިޔާބުވެފައެވެ.

ޓްރަމްޕްގެ ވެރިކަމުގައި ރަޝިއާއާ ގުޅުންތައް ރަނގަޅުކުރަން އޭނާ މަސައްކަތްކުރައްވައެވެ. ނަމަވެސް އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއާއި އެމެރިކާގެ ޑީޕް ސްޓޭޓްގެ މުއައްސަސާތަކުގެ ގޮތުގައި ސިފަކުރެވޭ ޕެންޓަގަންއާއި ސީއައިއޭ ފަދަ ތަންތަނާއި ކޮންގްރެސްއިން ގެންދަނީ އެކަމަށް ހުރަސް އަޅަމުންނެވެ. އަދި އެފަރާތްތައް އަޑީގައި ތިބެގެންވަނީ އެމެރިކާގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ކަންތައްތަކަށްވެސް ރަޝިއާއިން ބާރާއި ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށް މި މައްސަލަ ތަހުގީގުވެސް ކުރަން ފަށާފައެވެ.

މިކަމުގެ ސަބަބުން ރަޝިއާއާ ގާތްވުމަށް ޓްރަމްޕް ބޭނުންވި ނަމަވެސް އެކަން ކުރެވޭނެ ގޮތްވަނީ ނުވެފައެވެ. ޕޫޓިންއާ ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށް އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މާޓީސް ވަނީ ޕޫޓިންއަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވާފައެވެ.

މާޓިސް ވިދާޅުވީ ޕޫޓިންއަކީ އެމެރިކާއަށާ އަދި ދުނިޔޭގެ ކަންކޮޅުތަކުގައިވާ އެމެރިކާގެ އާރާއި ބާރާއި ނުފޫޒަށް އެއްވެސް ވަރަކަށް އިހުތިރާމް ކުރާ ބޭފުޅެއް ނޫންކަމަށާ ޔުކްރޭނާއި ޖޯޖިއާ ފަދަ ރަޝިއާގެ އަވަށްޓެރި ގައުމުތަކަށްވެސް އިހުތިރާމް ނުކުރައްވައި ޕޫޓިން މަސައްކަތް ކުރައްވަނީ ރަޝިއާގެ އެމްޕަޔާ ވެރިކަމެއް އުފައްދައި އެވެރިކަން އަވަށްޓެރި ގައުމުތަކަށް ފުޅާކުރުމަށް ކަމަށް ތުހުމަތު ކުރައްވާފައެވެ.

މިއީ ރަޝިއާއާ ގާތްވުމަށް އެމެރިކާގެ ބާރުގަދަ ޑީޕް ސްޓޭޓްގެ މުއައްސަސާތައް ދެކޮޅުކަން ހާމަވަމުންދާ ކަމެއް ކަމަށް މުރާސިލުން ސިފަކުރެއެވެ. (ނޫސް އެޖެންސީތައް)