18 Jun 2018, 13:34
ދިރާސީ އާ އަހަރުގެ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ނިމި ދަރިވަރުންނަށް ލިބުނު ކުރު ޗުއްޓީއަށްފަހު، ސްކޫލްތަކުގެ ދެވަނަ ސެމިސްޓާގެ ކިޔެވުން މިއަދު ފަށައިފިއެވެ.
ފުރަތަމަ ސެމިސްޓާގެ ކިޔެވުން ނިމި، ދަރިވަރުންނަށް ރިޕޯޓް ކާޑް ދީ ޗުއްޓީއަށް ސްކޫލްތައް ބަންދު ކުރީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. ސްކޫލްތަކުގެ ކިޔެވުން މިއަދު އަލުން ފަށާފައި މިވަނީ، ހަފްތާ އަކަށްފަހު އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެކެޑަމިކް ކަލަންޑަރު ބުނާ ގޮތުން، މިފެށުނު ދެވަނަ ސެމިސްޓަރުގައި ޖުމްލަ 203 ދުވަހު ދަރިވަރުން ކިޔަވާނެ އެވެ.
އެގޮތުން ދެވަނަ ސެމިސްޓާގެ މިޑްޓާމް އިމްތިހާން އޮންނާނީ އަންނަ އޯގަސްޓް މަހުގެ 19 އިން 23 އަށެވެ. އަދި ދެވަނަ ސެމިސްޓަރުގެ އިމްތިހާން އޮންނާނީ އޮކްޓޯބަރު މަހުގެ 28 އިން 15 އަށެވެ.
އަދި 28 އޯގަސްޓް އިން 10 ސެޕްޓެމްބަރަށް، ގްރޭޑް 10 އަދި ގްރޭޑް 12 ގައި ކިޔަވާ ދަރިވަރުންގެ މޮކް އިމްތިހާން ބާއްވަން ހަމަޖެހިފައިވާއިރު، އޮކްޓޯބަރު މަހުގެ ތެރޭގައި ޖީސީއީ އޯލެވެލް އަދި އޭލެވެލް އިމްތިހާން އޮންނާނެ އެވެ.
އެއަށްފަހު މިއަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހު ދެވަނަ ސެމިސްޓަރުގެ ކިޔެވުން ނިމި، މިއަހަރަށް ސްކޫލްތަކުގެ ކިޔެވުން ބަންދު ވާނެއެވެ.
އެކެޑަމިކް ކަލަންޑަރުގައި ވާގޮތުން، ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަހުގެ ޗުއްޓީއަކަށްފަހު ސްކޫލްތައް އަލުން ހުޅުވޭނީ އަންނަ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު އެވެ.