20 Jun 2018, 01:32
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖައި މިސްރުން ކުޅުނު ދެވަނަ މެޗުގައިވެސް ބަލިވެ، ގަދަ 16އަށް ދިއުމަށް އަމިއްލަ ބާރު ގެއްލިއްޖެއެވެ.
މިރޭގެ މެޗުގައި މިސްރުގެ ތަރި މުހައްމަދު ސަލާހް ކުޅެފައިވާ އިރު، އޭނާ ވަނީ މިސްރަށް ޕެނެލްޓީއެއްވެސް ކާމިޔާބުކޮށްދީފައެވެ. މިރޭގެ މެޗަކީ ޗެމްޕިއަންސް ލީގުގެ ފައިނަލަށްފަހު ސަލާހް ކުޅުނު ފުރަތަމަ މެޗެވެ.
ސެންޓް ޕީޓާސްބާގު ސްޓޭޑިއަމްގައި ކުޅުނު މެޗު ރަޝިއާއިން ކާމިޔާބު ކުރީ 3-1ގެ ނަތީޖާއަކުންނެވެ. މިރޭގެ ނަތީޖާއާއެކު ޖުމްލަ ހަ ޕޮއިންޓް ރަޝިއާއަށް ލިބިފައިވާ އިރު، އެޓީމަށް ގަދަ 16ގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އެގޮތުން މާދަމާރޭ އުރުގުއޭއާއި ސައުދީ އަރަބިއާ ވާދަކުރާ މެޗުން ސައުދީ މޮޅުވުން ނޫން ކޮންމެ ނަތީޖާއެއް ނުކުތަސް ބާކީ މެޗެއް އޮތްވާ ރަޝިއާއަށް ގަދަ 16 ޔަގީންވާނެއެވެ. އަދި އުރުގުއޭ މޮޅުވެއްޖެ ނަމަ، މިސްރުވެސް ކަޓައި އުރުގުއޭވެސް ރަޝިއާއާއެކު ގަދަ 16އަށް ދާނެއެވެ.

މިސްރާއި ރަޝިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
މެޗުގެ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ރަޝިއާއިން ލީޑު ނެގީ މިސްރުގެ ޑިފެންޑަރު އަހުމަދު ފަތީ އަތުން ބައިކޮޅަށް ވަން ގޯލަކާ އެކުގައެވެ. ރަޝިއާގެ ރޯމަން ޒޮބްނިން ނެގި ހުރަސް، ފަތީގެ ފައިގައި ޖެހިފައި ވަނީ ގޯލް ތެރެއަށެވެ.
މެޗުގެ ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ ރަޝިއާއިން ލީޑު ފުޅާކުރިއެވެ. މެޗުގެ 59 ވަނަ މިނެޓުގައި ރަޝިއާގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ އެޓީމުން ސައުދީއާ ދެކޮޅަށް ކުޅެ 5-0ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ދެ ގޯލް ޖެހި ޑެނިސް ޗެރިޝޭވްއެވެ. އޭގެ ހަތަރު މިނެޓްފަހުން އާޓެމް ޒޫބާގެ މޮޅު ހުނަރާއެކު ރަޝިއާއަށް ތިން ވަނަ ގޯލް ޖަހައިދިން އިރު، މެޗުގެ 73 ވަނަ މިނެޓުގައި ސަލާހް ޖެހި ގޯލަކީ މިސްރަށް ލިބުނު ޕެނެލްޓީއެކެވެ.

މިސްރާއި ރަޝިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
މީގެ ކުރިން ރަޝިއާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅާ ގޮސްފައި ވަނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕްގައެވެ. އޭރު ރަޝިއާއަކީ ސޯވިއެޓް ޔޫނިއަންއެވެ.
މިފަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވެފައި ވަނީ 29 އަހަރުގެ މެދު ކެނޑުމަކަށް ފަހުގައެވެ. އެޓީމަށް ދެން ގްރޫޕް ސްޓޭޖުގައި ހަނި ފުރުސަތެއް އޮތް އިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނުކުންނަން ޖެހޭނީ ސައުދީ އަރަބިއާއާ ދެކޮޅަށެވެ.

މިސްރާއި ރަޝިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީގްރޫޕް ސްޓޭޖުގެ ތިން މެޗެއް މާދަމާވެސް އޮންނާނެއެވެ.
މާދަމާގެ މެޗުތައް:
17:00 ޕޯޗުގަލް - މޮރޮކޯ
20:00 އުރުގުއޭ - ސައުދީ އަރަބިއާ
23:00 އިރާން - ސްޕެއިން