24 Jun 2018, 15:56
މެލޭޝިއާގެ ޔުނިވާސިޓީތަކުގައި ހުރި ފުރުސަތުތައް ރާއްޖޭގެ ދަރިވަރުންނަށް ހޯދައިދިނުމުގެ ގޮތުން އައްޑޫ ސިޓީ އަދި މާލޭގައި ބޭއްވުމަށް ހަމަޖައްސައިފައިވާ "އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ" އަންނަ ބުރާސްފަތި ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.
މިއީ ރާއްޖޭގެ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަންއާ މެލޭޝިއާގެ ހަޔާ އެޑިއުކޭޝަންގެ ގޮތްޕެއް ކަމަށްވާ އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސަސް ގުޅިގެން ހިންގާ އެކްސްޕޯއެކެވެ. އެ އެކްސްޕޯ މިދިޔަ ޖެނުއަރީ މަހުވެސް ރާއްޖޭގައި ވަނީ ބާއްވައިފައެވެ.
އެކްސްޕޯއާ ބެހޭގޮތުން މައުލޫމާތު ދެމުން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޒީރު "ސަން" އަށް ވިދާޅުވީ އެ އެކްސްޕޯ އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އާޓް ގެލަރީގައި އޮންނާނެ ކަމަށެވެ. އަދި އައްޑޫ ސިޓީގެ ނޫރާނީ ސްކޫލުގައި އަންނަ އާދިއްތަ ދުވަހު އެކްސްޕޯ އޮންނާނެ ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.
އެކްސްޕޯ ބާއްވާ ގަޑިތައް
- މާލެ- ބުރާސްފަތި (މެންދުރު 02:00 ން ރޭގަނޑު 10 އަކަށް)
- މާލެ- ހުކުރު ( ހަވީރު 04:00 ން ރޭގަނޑު 10 އަކަށް)
- އައްޑޫ ސިޓީ- އާދިއްތަ (މެންދުރު 02:00 ން ރޭގަނޑު 9 އަކަށް)
މެލޭޝިއާގެ ސަރުކާރުން މިއަހަރު ރާއްޖެއަށް ވަނީ 500 ސްކޯލާޝިޕް ދީފައެވެ. މިއަހަރު ޖެނުއަރީ މަހު ބޭއްވި މެލޭޝިއާ އެކްސްޕޯ މެދުވެރިވެގެން 250 ސްކޯލާޝިޕް ވަނީ ހަވާލުކޮށްފައެވެ. ނަޒީރު ވިދާޅުވީ ބުރާސްފަތި ދުވަހު ފަށާ އެކްސްޕޯ މެދުވެރިކޮށް ބާކީއޮތް 250 ސްކޯލާޝިޕް ދަރިވަރުންނާ ހަވާލުކުރެވިގެން ދާނެ ކަމަށެވެ.
މެލޭޝިއާއިން ރާއްޖެއަށް ދީފައިވަނީ 50 ޕަސެންޓް ފްރީ ޕާޝިއަލް ސްކޯލާޝިޕްތަކެކެވެ. ނަޒީރު ވިދާޅުވީ އެ ސްކޯލާޝިޕްތަކުގެ ބާކީ އޮތް 50 ޕަސެންޓް ދައްކަން ބޭނުންވާ ފަރާތްތަކަށް ލޯނުގެ ފުރުސަތުވެސް ދިނުމަށް ހަަމަޖެހިފައިވާ ކަމަށެވެ.
ނަޒީރު ވިދާޅުވީ މިފެށޭ އެކްސްޕޯގައި މެލޭޝިއާގެ 13 ޔުނިވާސިޓީން ބައިވެރިވާ ކަމަށެވެ.