ރިޔާސީ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން އިދާރީ ފީ އެއްގެ ގޮތުގައި 100،000 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އެވެ. މީގެ ކުރިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުން ދައްކަން ޖެހެނީ 40،000 ރުފިޔާ އެވެ.

ސާޅީސް ހާސް ރުފިޔާ އިން އެއް ލައްކަ ރުފިޔާއަށް ފީ ބޮޑު ކުރަން ސަރުކާރުން ހުށަހެޅި ސަބަބެއް ކަމަށް ހުސެއިން މުހައްމަދު ލަތީފް ފާހަގަކޮށްފައި ވަނީ، އިންތިހާބްތަކާ ބެހޭ އާންމު ގާނޫނަށް ގެންނަން ހުށަހެޅުއްވި އިސްލާހްތަކާ ގުޅިގެން ކަމަށެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައި ވަނީ ރާއްޖޭގައި ބާއްވަން ޖެހޭ ހުރިހާ އިންތިހާބްތަކަކީ މިނިވަން އިންސާފްވެރި، ހާމަކަންބޮޑު އަދި އިތުބާރުކުރުވަނިވި ގޮތެއްގެމަތިން ބޭއްވޭ އިންތިހާބުތަކެއްކަން ޔަގީން ކުރުމަށް ޓަކައި ކަމަށް ސަރުކާރުން ބުނެ އެވެ.

ރާއްޖޭގެ ރައްޔިތުކަން ނޫން އެހެންގައުމެއްގެ ރައްޔިތުކަން އޮތް މީހަކަށް ރާއްޖޭގެ ރައީސް ކަމަށް ކުރިމަތި ލެވޭނީ އެގައުމެއްގެ ރައްޔިތުކަން ދޫކޮށްލާތާ 10 އަހަރު ފަހުން ކަމަށް ކަނޑައެޅުމަށް ވެސް ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

އެ ހުށަހެޅުންތަކުގެ ފުރަތަމަ ކިއުން އިއްވެވުމަށް ފަހު މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ވަނީ ނިންމާލައިފަ އެވެ.