ރާއްޖޭގެ މަތީތައުލީމުގެ އެކި ހިދުމަތްތައް ދޭ ޖަމްއިއްޔާއެއް ކަމަށްވާ ބްލެކް ފައުންޑޭޝަނުންދޭ އެކަޑެމިކް ސްކޯލާސްގެ އެވޯޑް ފަސް ދަރިވަރަކަށް ދީފިއެވެ.

މިއީ ބްލެކް ފައުންޑޭޝަނާއި ފިލިޕިންސްގެ އެމީލިއޯ އެގްއިނާލްޑޯ ކޮލެޖުން އެ ކޮލެޖުގައި މެޑިސިން ކިޔަވާ ދަރިވަރުންނަށް ހުޅުވާލައިފައިވާ އެވޯޑް ސްކީމްގެ ދަށުން ދިން އެވޯޑްތަކެކެވެ. ބްލެކް ފައުންޑޭޝަނަކީ އެ ކޮލެޖުން ރާއްޖެ ތަމްސީލްކުރާ ފަރާތްވެސް މެއެވެ.

މާލޭ ޔޫތު ސެންޓަރުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެ އެވޯޑްތައް ދަރިވަރުންނާ ހަވާލުކޮށްދެއްވީ އެމީލިއޯ ކޮލެޖުގެ ރައީސް ޑރ. ޖޯސްއީ ކެމްޕޯސްއެވެ.

ބްލެކް ފައުންޑޭޝަން ދިން އެކަޑަމިކް ސްކޯލާސްގެ އެވޯޑް ހާސިލް ކުރި ދަރިވަރަކަށް އެވޯޑް އަރުވަނީ--ފޮޓޯ: ބްލެކް ފައުންޑޭޝަން

އެވޯޑް ހާސިލްކުރި ދަރިވަރުން

  • އައިމިނަތު ރަޔާ އިރުޝާދު

  • އަމާލް ހާމިދު
  • ރުހުޝާ އިމްރާން
  • އަހުމަދު ޒަޔާން
  • ލަމްހާ އާދަމް

ބްލެކް ފައުންޑޭޝަނުން ބުނީ އެ އެވޯޑަކީ އެމީލިއޯސް ކޮލެޖުގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ތެރެއިން ޖީޕީއޭ 1.5 އަށް ވުރެ ދަށުން ހޯދާ ދަރިވަރުންނަށް ދެވޭ އެވޯޑެއް ކަމަށެވެ. އަދި ބުނީ އެ ވޯޑް ހާސިލްކުރާ ދަރިވަރުންނަށް ކިޔަވާ މައްދާތަކުގެ ކޯސްފީއިން ކޮންމެވެސް މިންވަރެެއް އުނިކޮށްދޭނެ ކަމަަށެވެ.

ބްލެކް ފައުންޑޭޝަނުންދޭ އެކަޑަމިކް ސްކޯލާސްގެ އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ބްލެކް ފައުންޑޭޝަން

މިއީ ބްލެކް ފައުންޑޭޝަނުން އެމީލިއޯސް ކޮލެޖުން ކިޔަވާ ދަރިވަރުންނަށް އެވޯޑް ދިންް ފުރަތަމަ ފަހަރެވެ.

ބްލެކް ފައުންޑޭޝަނުން ބުނީ އެމީލިއޯސް ކޮލެޖުން އޮގަސްޓްގައި ފަށާ އެމްބީބީއެސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ. އެ ކޯހުގައި މަހުން މަހުން އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ބްލެކްފައުންޑޭޝަން މެދުވެރިވެގެން ކިޔަވަންދާ ދަރިވަރުންނަށް ހަމަޖެހިގެންދާނެ ކަމަށްވެސް އެ ފައުންޑޭޝަނުން ބުންޏެވެ.

އެމީލިއޯސް ކޮލެޖުގައި މިހާރުވެސް ބްލެކް ފައުންޑޭޝަން މެދުވެރިވެގެން 100 ދިވެހި ދަރިވަރުން ކިޔަވަމުންދާ ކަމަށްވެސް ބްލެކް ފައުންޑޭޝަނުން ބުންޏެވެ.