އެޓްމޮސްފިއާ އިން ކ. އަކިރިފުށީގައި ތަރައްގީކުރި ރިސޯޓު އަންނަ މަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.

ޓޫރިޒަމްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓުތަކުގައިވާގޮތުން މި ރިސޯޓު އަންނަ އާދިއްތަ ދުވަހު ހުޅުވަން ދަނީ ތައްޔާރު ވަމުންނެވެ.

"އޯބްލޫ ސިލެކްޓް އެޓް ސަންގެލި" ގެ ނަމުގައި ހުޅުވާ މި ރިސޯޓުގައި ޖުމްލަ 137 ވިލާ ހުންނާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 43 ބީޗު ވިލާއާއި، 13 އަކަމީޓަރުގެ ޕޫލްއަކާ އެކު ހުންނަ 14 ޑިލަކްސް ބީޗު ވިލާއާއި، 42 ވޯޓާ ވިލާއާއި، އަށް އަކަމީޓަރުގެ ޕޫލްއަކާ އެކު ހުންނަ 26 ވޯޓާ ވިލާއާއި، 13 އަކަ މީޓަރުގެ ޕޫލްއާ އެކު ހުންނަ ތަތް ބީޗު ފެމިލީ ޕޫލް ސުއިޓާއި، 13 އަކަމީޓަރުގެ މީޓަރުގެ ޕޫލްއަކާ އެކު ހުންނަ ފަސް ހަނީމޫން ޕޫލް ސުއިޓެވެ.

އޯބްލޫ ސިލެކްޓް ސަންގެލި ރިސޯޓުގެ ޕްލޭނަށް ބަލާއިރު، އަކިރިފުށީގެ އިރުމަތީ ކޮޅުން ފެށިގެން، އަލަށް ހިއްކާ ކުޑަ ރަށާ ހަމައަށް ވޯޓާ ބަންގަލޯތައް ގުޅާއިދޭ ޕްލެޓްފޯމް ދެމިގެން ދާނެއެވެ. އެ ޕްލެޓްފޯމުގެ ދެ ކޮޅުގައި ބަންގަލޯތައް ހެދިގެންދާ އިރު، މި ޕްލެޓްފޯމް ވެގެންދާނީ އަކިރިފުއްޓާއި ކައިރީގައި ހިއްކާ ރަށް ގުޅުވައިދޭ ބްރިޖަކަށެވެ.

އަކިރިފުށި ކައިރީގައި ހިއްކާ ރަށަކީ ހަނީމޫނަށް އަންނަ ފަތުރުވެރިންނަށް ޚާއްސަވާނެ ތަނެކެވެ. ހަނީމޫން ސުއިޓްތައް އެ ރަށާ ގުޅުވައިގެން ހުންނަ އިރު، އެ ކުޑަ ރަށުގައި ދެން ހުންނާނީ ސްޕާއަކާއި ދެ ރެސްޓޯރަންޓެވެ.

މި ރިސޯޓު އޮންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުގައި 50 މިނިޓުން ދަތުރުކޮށްގެން ދެވޭ ހިސާބުގައެވެ.

އެޓްމޮސްފިއާ ހޮޓެލްސްއިން ކ. ހެލެނގެލީގައި "އޯބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެނގެލި"، އަދި ކ. މާދޫގައި "އޯޒެން ބައި އެޓްމޮސްފިއާ އެޓް މާދޫ"ގެ ނަމުގައި ދަނީ ރިސޯޓު ހިންގަމުންނެވެ. މީގެ އިތުރުން ޅ. ކަނިފުށީގައި "އެޓްމޮސްފިއާ ކަނިފުށި" ރިސޯޓުވެސް ހިންގައެވެ.