28 Jun 2018, 08:50
މިހާރަކަށް އައިސް ފީފާ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ވާދަކުރުން ވެގެންމިދަނީ ވަރަށް ވެސް އުނދަގޫ ޗެލެންޖަކަށެވެ. ޗެމްޕިއަނުންގެ ގޮތުގައި މުބާރާތާ ކުރިމަލުމަށްފަހު މިހާރު އަލްވަދާއު ކިޔަން ޖެހެނީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ.
އެންމެ ފަހުގެ ފަސް ވޯލްޑް ކަޕުގެ ޗެމްޕިއަނުންގެ ތެރެއިން ހަތަރު ޗެމްޕިއަނުންނެއް ޖެހިގެން އަންނަ މުބާރާތް ނިންމާލާފައިވަނީ ގްރޫޕް ސްޓޭޖުންނެވެ. އޭގެ ތެރޭގައި މިއަހަރުގެ ވޯލްޑް ކަޕްގައި ވާދަކޮށް، އެނބުރި ގައުމަށް ދާން ޖެހުނު ޖަރުމަން ހިމެނެއެވެ.
އެކަމުން ސަލާމަތްވީ 2002 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށް، 2006 ވަނަ އަހަރުގެ މުބާރާތުގައި ވާދަކުރި ބްރެޒިލެވެ. ވޯލްޑް ކަޕް 2006ގެ ވޯލްޑް ކަޕް ބްރެޒިލުން ނިންމާލީ ކުއާޓާ ފައިނަލުގައި އެ ފަހަރުގެ ރަނަރަޕް ފްރާންސް އަތުން ބަލިވެގެންނެވެ.
ފަހުގެ ތާރީހެއްގައި ވޯލްޑް ކަޕްގެ ތަށި، އެއްވެސް ޓީމަކަށް ދިފާއުކުރެވިފައެއް ނުވެއެވެ. ވޯލްޑް ކަޕްގެ ތާރީހުގައި އެ މުބާރާތުގެ ތަށި ދިފާއު ކުރެވިފައިވަނީ ހަމައެކަނި ބްރެޒިލާއި އިޓަލީއަށެވެ. އިޓަލީން 1938 ވަނަ އަހަރު ވޯލްޑް ކަޕް ތަށި ދިފާއުކުރި އިރު، ބްރެޒިލުން ތަށި ދިފާއުކުރީ 1962 ވަނަ އަހަރެވެ. ވިހިވަނަ ގަރުނުގައި ގިނައިން ފެނިގެންމިދަނީ އެންމެ ފަހުގެ ޗެމްޕިއަނުންނަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވޭ މަންޒަރެވެ.

ވޯލްޑް ކަޕް 1998ގެ ޗެމްޕިއަން ފްރާންސް --- ފޮޓޯ/ ގެޓީ
ވޯލްޑް ކަޕް 2002: ޗެމްޕިއަން ފްރާންސަށް އެންމެ ގޯލެއް ވެސް ނުޖެހުނު!
ޖަޕާން އަދި ދެކުނު ކޮރެއާގައި ބޭއްވި ވޯލްޑް ކަޕާ ފްރާންސުން ކުރިމަތިލީ އޭގެ ހަތަރު އަހަރު ކުރިން އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައެވެ. ފްރާންސުން މުބާރާތާ ކުރިމަތިލީ ޔޫރަޕްގެ ވެސް ޗެމްޕިއަނުންގެ ގޮތުގައެވެ.
ވޯލްޑް ކަޕް 2002ގައި ފްރާންސަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ އެކުވެރިކަމުގެ މެޗެއްގައި އެޓީމުގެ އެންމެ އުންމީދީ ކުޅުންތެރިޔާ ޒައިނުއްދީން ޒިދާނަށް އަނިޔާވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ޒިދާނަށް ގްރޫޕް ސްޓޭޖުގައި ފްރާންސް ކުޅުނު ފުރަތަމަ ދެ މެޗުގައި ބައިވެރިވެވިފައެއް ނުވެއެވެ.
ޒިދާން ނުލައި ފްރާންސުން ކުޅުނު ފުރަތަމަ މެޗުގައި ސެނަގާލް އަތުން 1-0ގެ ނަތީޖާއަކުން ބަލިވި އިރު، ދެވަނަ މެޗުގައި އުރުގުއާއީ އަތުން ވަނީ އެއްވަރުވެފައެވެ.
ޒިދާން ކުޅުނު ފުރަތަމަ މެޗު ވެގެންދިޔައީ އެފަހަރުގެ ވޯލްޑް ކަޕްގައި އޭނާ އަދި ފްރާންސް ކުޅުނު ފަހު މެޗަށެވެ. ޑެންމާކާ ދެކޮޅަށް ކުޅުނު އެ މެޗަކީ ފްރާންސަށް މޮޅުވާން މަޖުބޫރު މެޗަކަށްވީ ނަމަވެސް، އެ މެޗުން ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ. ފްރާންސަށް އެ މުބާރާތް ނިމުނީ ހިތްދަތި ގޮތަކަށެވެ. ފްރާންސަށް ޕޮއިންޓެއް ލިބުނު ނަމަވެސް، އެޓީމަށް އެންމެ ގޯލެއް ވެސް ޖެހިފައެއް ނުވެއެވެ.

ވޯލްޑް ކަޕް 2006ގެ ޗެމްޕިއަން އިޓަލީ --- ފޮޓޯ/ ގެޓީ
ވޯލްޑް ކަޕް 2010: ޗެމްޕިއަން އިޓަލީއަށް ރަނގަޅަށް ތައްޔާރު ނުވެވިގެން އެނބުރި ގައުމަށް!
އާންމު ގޮތެއްގައި ފެށުން ގޯސް އިޓަލީއަށް ޖަރުމަނުގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފެށުން ވަރަށް ރަނގަޅެވެ. ފްރާންސް ބަލިކުރުމަށްފަހު އެފަހަރުގެ މުބާރާތް ކާމިޔާބުކޮށް، 2010ގެ ވޯލްޑް ކަޕާ އިޓަލީން ކުރިމަތިލީ އުންމީދުތަކަކާއެކުއެވެ.
ސައުތު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގައި އިޓަލީއަށް ހިތްދަތިކަން ކުރިމަތިވެގެންދިޔައެވެ. ފްރާންސުން 2002ގެ ވޯލްޑް ކަޕް ނިންމާލި ގޮތަށް އިޓަލީން ވެސް 2010ގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ނިންމާލީ ގްރޫޕުގެ ފުލުގައި އޮވެގެންނެވެ. ޕެރަގުއޭއާއި ނިއު ޒިލެންޑްއާ ދެކޮޅަށް ކުޅުނު މެޗުތަކުން އެއްވަރުވި އިރު، ފަހު މެޗުގައި ސްލޮވާކިއާ އަތުން އިޓަލީ ބަލިވީ 3-2ގެ ނަތީޖާއަކުންނެވެ.
އިޓަލީއަށް އެފަހަރުގެ މުބާރާތުގައި އަނިޔާއާއި ކުޅުންތެރިންގެ އުމުރުގެ މައްސަލަ ކުރިމަތިވި އިރު، އިޓަލީއަށް 2006ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު މާސެލޯ ލިއްޕީ ވަނީ ނާކާމިޔާބީގެ ފުރިހަމަ ޒިންމާ ނަގައިފައެވެ. ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ލިއްޕީއަށް ޓީމު ރަނގަޅަށް ތައްޔާރު ނުކުރެވުމުން ކަމަށް އޭނާވެސް ގަބޫލުކުރިއެވެ.

ވޯލްޑް ކަޕް 2010ގެ ޗެމްޕިއަން ސްޕެއިން --- ފޮޓޯ/ ގެޓީ
ވޯލްޑް ކަޕް 2014: ޗެމްޕިއަން ސްޕެއިނަށް މަރުގެ ގްރޫޕުން ސަލާމަތް ނުވެވުނު!
ވޯލްޑް ކަޕް 2010 ކާމިޔާބުކުރި ސްޕެއިން، 2014ގެ ވޯލްޑް ކަޕުގައި ލައްވާލީ ގްރޫޕް އޮފް ޑެތު ނުވަތަ މަރުގެ ގްރޫޕުގައެވެ. ނެދަލެންޑްސްއާއި ޗިލީއާ އެއް ގްރޫޕެއްގައި ލައްވާލި ނަމަވެސް، 1962 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި ދިފާއުކުރާ ޓީމަށް ސްޕެއިން ވާނެ ކަމަށް ބެލެވުނެވެ.
ވޯލްޑް ކަޕް 2010ގެ ޗެމްޕިއަންކަން ހޯދުމަށްފަހު ސްޕެއިން ފެނިގެންދިޔައީ އެހެން ޓީމުތަކަށް ބަލިނުކުރެވޭ ޓީމެއްގެ ގޮތުގައެވެ. ޔޫރޯ 2008ގެ ޗެމްޕިއަންކަމާއި ވޯލްޑް ކަޕް 2010ގެ ޗެމްޕިއަންކަން އަދި ޔޫރޯ 2012ގެ ޗެމްޕިއަންކަން ވެސް ސްޕެއިނުން ހޯދިއެވެ. އެ ސަބަބުތަކާހުރެ އުނދަގުލަކާ ނުލައި ސްޕެއިނުން ވޯލްޑް ކަޕްގެ ތަށި ދިފާއުކުރާނެ ކަމަށް ބެލެވުނެވެ.
ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް 2014ގެ ފުރަތަމަ މެޗު ވެސް ވެގެންދިޔައީ ސްޕެއިނަށް ހިތުން ފިލުވާ ނުލެވޭނެ ފަދަ މެޗަކަށެވެ. ޒަބީ އަލޮންސޯގެ ޕެނަލްޓީން ސްޕެއިން ލީޑުގައި އޮތް ނަމަވެސް، ނެދަލެންޑްސްއިން ވަނީ ވޯލްޑް ކަޕް 2010ގެ ފައިނަލުގެ ހިތި ހަނދާންތައް ފިލުވާލައިފައެވެ. ރޮބިން ވެން ޕާސީގެ ހިތްގައިމު ގޯލު ފެނިގެންދިޔަ އެ މެޗުން ނެދަލެންޑްސް މޮޅުވީ ފަހަތުން އަރައި 5-1ގެ ނަތީޖާއަކުންނެވެ.
ވޯލްޑް ކަޕް 2010ގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދި އިރު، އެޓީމު ކުޅުނު ފުރަތަމަ ގްރޫޕް ސްޓޭޖު މެޗުގައި ސްވިޒަލެންޑް އަތުން ވަނީ ބަލިވެފައެވެ. ވޯލްޑް ކަޕް 2014ގައި ވެސް ސްޕެއިން ބެލެވުނީ އެގޮތަށް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ބަލިވިޔަސް، ފައިނަލާ ހިސާބަށް ދަތުރުކުރާނެ ޓީމެއްގެ ގޮތުގައެވެ.
ކުރިން ހީކުރެވުނު ގޮތާ ހިލާފަށް ދެވަނަ މެޗުގައި ޗިލީ އަތުން 2-0ގެ ނަތީޖާއަކުން ބަލިވެ، ސްޕެއިނަށް ވަނީ ގަދަ 16އަށް ދިއުމުގެ ދޮރު ބަންދުވެފައެވެ. ސްޕެއިނުން މުބާރާތް ނިންމާލީ ފަހު މެޗުގައި އޮސްޓްރޭލިއާ އަތުން ހޯދި ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނަ ހޯދައިގެންނެވެ.

ވޯލްޑް ކަޕް 2014ގެ ޗެމްޕިއަން ޖަރުމަން --- ފޮޓޯ/ އޭޕީ
ވޯލްޑް ކަޕް 2018: ޗެމްޕިއަން ޖަރުމަން ނިންމާލީ ކޮރެއާގެ ވެސް ފަހަތުން!
ފްރާންސާއި އިޓަލީއާއި ސްޕެއިންގެ ހަނދާންތައް ނައްތާލުމަށްފަހު، ރަޝިއާގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ފޭވަރިޓް ޓީމެއްގެ ގޮތުގައި ޖަރުމަން ބެލެވިގެންދިޔައެވެ. ވޯލްޑް ކަޕް 2014 ކާމިޔާބުކުރި ޓީމުގައި ހިމެނުނު ބައެއް ތަޖުރިބާކާރު ކުޅުންތެރިންނާއެކު ޖަރުމަނުން މިއަހަރުގެ މުބާރާތާ ކުރިމަތިލީ ބޮޑު އުންމީދަކާއެކުއެވެ.
ޔޫރޯ 2016ގެ ސެމީ ފައިނަލާ ހިސާބުން ޖަރުމަން ކަޓައިގެންދިޔަ ނަމަވެސް، މިދިޔަ އަހަރު ބޭއްވި ކޮންފެޑެރޭޝަންސް ކަޕްގެ ޗެމްޕިންކަން ޖަރުމަނުން ހޯދިއެވެ. އެ މުބާރާތް ޖަރުމަނުން ކާމިޔާބުކުރީ ވެސް ވަރަށް ޒުވާން ސްކޮޑަކާއެކުއެވެ. އެހެންކަމުން ވޯލްޑް ކަޕް 2018ގައި ކާމިޔާބީއާ ހިސާބަށް ދެވޭނެ ކަމުގެ އުންމީދު ބޮޑުވެގެންދިޔައެވެ.
ބަލިކުރަން އުނދަގޫ ވާނެ ކަމަށް ބެލެވުނު ޖަރުމަނަށް މިއަހަރުގެ ވޯލްޑް ކަޕްގެ ފެށުން ވެސް ގޯސްވެގެންދިޔައެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މެކްސިކޯ އަތުން 1-0ގެ ނަތީޖާއަކުން ޖަރުމަން ވަނީ ބަލިވެފައެވެ.
ގްރޫޕް ސްޓޭޖުގައި ސްވިޑަން ކޮޅަށް ޓޯނީ ކްރޫސް، ފަހު ވަގުތު ޖެހި ލަނޑާއެކު ޖަރުމަނަށް ގަދަ 16ގެ އުންމީދު އާވެގެންދިޔައެވެ. ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗު ޖަރުމަނަށް ފަސޭހަ ވެގެންދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ފަހު ވަގުތު 2-0ގެ ނަތީޖާއަކުން ބަލިވެ، ޖަރުމަނުން ވޯލްޑް ކަޕް ނިންމާލީ ތިން ޕޮއިންޓަކާއެކު ގްރޫޕުގެ ފުލުގައި އޮވެގެންނެވެ. ގޯލުގެ ތަފާތުން ކޮރެއާ އޮތީ ތިންވަނައިގައެވެ.