28 Jun 2018, 11:34
ހުކުމެއްގައި ހުރި މީހަކު ބައިވެރިކޮށްގެން ކުރިއަށްގެންދާ ޕްރައިމަރީއެއްވެސް އަދި ޕާޓީއެއްގެ ކޮންގްރެސް އެއްވެސް ބަލައި ނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ރިޔާސީ އިންތިހާބަށް ވަމުންދާ ތައްޔާރީ ތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް ބުދަ ދުވަހު ހެނދުނު އިންތިހާބީ މަރުކަޒުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެ ކޮމިޝަނާއި، މައްސަލަ ޖެހޭ ބައެއް ފަރާތްތަކާއި ދޭތެރޭ އެންމެ ބޮޑަށް ދިމާވާ ފުށުއެރުމަކީ ގާނުނު ތަރުޖަމާ ކުރުމުގައި ދިމާވާ މައްސަލަ ކަމަށެވެ.
ޝަރީފް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ކުރެވޭ ގޮތަށް ޕްރައިމަރީ ކުރިއަށް ގެންދިޔުމުން އެކަން ހުއްޓުވަން އެންގުމުން އެމްޑީޕީން ބުނެފައިވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު ހުކުމުގައި ވާ ގޮތުން އެމަނިކުފާނަކީ މިނިވަނެއް ކަމަށާއި އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ. ނަމަވެސް އީސީއަށް އެކަން ތަރުޖަމާ ކުރެވޭ ގޮތަކީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު ހުކުމުން ބައެއް، ފަހުން ހަމަ އެ ކޯޓުގެ އަމުރަކުން ބާތިލްކޮށްފައިވާކަމަށެވެ.
ޝަރީފް ވިދާޅުވީ، އެމްޑީޕީން ކޮންގްރެސް އެއް ބާއްވަން އުޅޭ ކަމެއް އަދި ރަސްމީކޮށް އަންގާފައިނުވާ ކަމަށާއި ނަމަވެސް ނުރަސްމީކޮށް އެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ކޮމިޝަނުގެ އިލްތިމާސަކީ އެމްޑީޕީން ކޮންގްރެސް ބާއްވާނަމަ އެކަމާ ގުޅޭގޮތުން އީސީއާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިޔުން ކަމަށާއި ދާދި ފަހުން ޖުމްހޫރީޕާޓީން ކުރިއަށް ގެންދިޔަ ކޮންގްރެސްވެސް ކުރިއަށް ގެންގޮސްފައިވަނީ އީސީއާ މަޝްވަރާކޮށްގެން ކަމަށެވެ. އަދި އެ ކޮމިޝަނުން އަންގާ ގޮތާއި ހިލާފަށް ކުރިއަށްގެންދާ ކޮންގްރެސްއެއްވެސް ބަލައި ނުގަންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.