Back
Nov 24, 2025 SUN
SUN

ބޫޓާންވެސް ބަލިކޮށް ބާސްކެޓް ޓީމު މެޑައްޔަކާ ދިމާއަށް

ބޫޓާންވެސް ބަލިކޮށް ބާސްކެޓް ޓީމު މެޑައްޔަކާ ދިމާއަށް
Lead photo

ސާބާ ޗެމްޕިއަންޝިޕްގައި ކުޅުނު ދެވަނަ މެޗުގައި ބޫޓާންވެސް ބަލިކޮށް، ރާއްޖެއިން މެޑައްޔަކާ ގާތަށް ޖެހިލައިފިއެވެ.

ބަނގުލަދޭޝްގެ ދާކާގައި ކުރިއަށްދާ އެ މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް ބަލިކޮށްފައިވާ އިރު، އިއްޔެގެ މެޗުގައި ބޫޓާން ބަލިކުރީ 74-67 އިންނެވެ.

މެޗުގެ ފުރަތަމަ ކުއާޓާގައި 20-19އިން ރާއްޖެ ބަލިވެފައި އޮތް އިރު، ދެވަނަ ކުއާޓާގައި 27-28އިން ކުރީގައި އޮތީ ރާއްޖެއެވެ. ތިންވަނަ ކުއާޓާ ރާއްޖެއިން ހަ ޕޮއިންޓްގެ ލީޑަކާއެކު ނިންމާލީ 43-37އިންނެވެ. ހަތަރުވަނަ ކުއާޓާގައި ރާއްޖެއިން މެޗު ކާމިޔާބުކުރީ ހަތް ޕޮއިންޓްގެ ލީޑަކާއެކުގައެވެ.

އެ މުބާރާތުގައި ރާއްޖެ މިއަދު ކުޅޭ މެޗުގައި ނުކުންނަން ޖެހޭނީ ސްރީލަންކާއާ ދެކޮޅަށެވެ. ސްރީލަންކާއަކީ މިފަަހަރުގެ މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމެވެ.

މިއަހަރުގެ ސާބާ ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ބަނގުލަދޭޝްއާއި، ރާއްޖެއާއި، ބޫޓާނާއި، ނޭޕާލް އަދި ސްރީލަންކާއެވެ. އެންމެ ފަހު ހަތަރު މުބާރާތުގެ ޗެމްޕިއަނުންނަކީ އިންޑިއާއެވެ. މިދިޔަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕް، ރާއްޖެއިން ނިންމާލީ ހަތަރުވަނައިގައެވެ.

މިދިޔަ އަހަރާ ހަމައަށް ސާބާ ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަށް ފީބާ އޭޝިއާ ކަޕުގެ ޖާގައެއް ލިބޭގޮތަށް އޮތް ނަމަވެސް، މިހާރު މުބާރާތުގެ ފޯމެޓަށް ވަނީ ބަދަލު ގެނެސްފައެވެ. މިދިޔަ އަހަރަށްފަހު ސާބާ ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމުން ރަނަރަޕް ޓީމާއެކު ފީބާ އޭޝިއާ ކަޕްގެ ކޮލިފައިންގައި ވާދަކުރަން ޖެހޭނެއެވެ.

ސާބާ ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމުގެ ގޮތުގައި މިދިޔަ އަހަރުގެ ފީބާ އޭޝިއާ ކަޕްގައި އިންޑިއާއިން ވާދަކުރި ނަމަވެސް، އެޓީމުން ގްރޫޕް ސްޓޭޖް ނިންމާލީ މޮޅެއް ނުހޯދިއެވެ. އާ ފޯމެޓާއެކު މިދިޔަ އަހަރުގެ ފީބާ އޭޝިއާ ކަޕްގައި ވާދަކުރި ޓީމެއްގެ ގޮތުގައި އިންޑިއާއަށް ވަނީ 2021 ވަނަ އަހަރު ބާއްވާ މުބާރާތުން ޖާގައެއް ލިބިފައެވެ. މިއަހަރުގެ ސާބާ ޗެމްޕިއަންޝިޕްގައި އިންޑިއާ ވާދަނުކުރަނީ ފީބާ އޭޝިއާ ކަޕުން އޮޓޮމެޓިކް ޖާގައެއް ލިބިފައި އޮތުމުންނެވެ.

މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ އެމެރިކާއަށް އުފަން ކޯޗު ޖޯން ކޮފީނޯގެ އިރުޝާދުގެ ދަށުންނެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics