30 Jun 2018, 16:22
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާފައި ވަނިކޮށް އެއްވެސް ސަބަބަކާހުރެ އެ ކެންޑިޑޭޓަށް އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ނުލިބިއްޖެނަމަ، ދެން ރިޔާސީ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ބާރު އެ ޕާޓީގެ ގައުމީ މަޖިލީހަށާއި ކޮންގުރެސް އަށް ދިނުމަށް ފާސް ކޮށްފި އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދަށް އެ އިސްލާހު ގެނައުމަށް ނިންމީ، މިހާރު އއ. އުކުޅަހުގައި ފެށި އެމްޑީޕީގެ ކޮންގުރެސްގައެވެ. މިއީ ކޮންގުރެސްއަށް ހުށަހެޅި ހަމައެކަނި އިސްލާހެވެ.
އިސްލާހު ގެނައުމުގެ ކުރީން އެމްޑީޕީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުން ނަގާ ވޯޓަކުންނެވެ.
ނަމަވެސް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު މިއަދު ހުށަހެޅުއްވި އެ އިސްލާހުގައި ބުނާގޮތުން، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކުން ހޮވި ޕާޓީގެ ޓިކެޓް ލިބިފައިވާ ފަރާތަކަށް އެއްވެސް ސަބަބަކާހުރެ އިންތިހާބަށް ކުރިމަތި ނުލެވިއްޖެ ހާލަތެއްގައިނަމަ ނުވަތަ އެއްވެސް ސަބަބަކާހުރެ އިންތިހާބުގައި ވާދަނުކުރާން ނިންމައިފިނަމަ ދެން ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ނިންމާނީ ޕާޓީގެ ކޮންގުރެސް ނުވަތަ ގައުމީ މަޖިލީހުންނެވެ.
އެ އިސްލާހު ފާސްވެފައިވަނީ ކޮންގުރެސްގައި ބައިވެރިވި 812 މަންދޫބުންގެ ތެރެއިން 679 މަންދޫބުންގެ އަގުލަބިއްޔަތުންނެވެ. މިއީ މަޖިލީހުގެ އިންތިހަބާއި ކައުންސިލް އިންތިހާބުގައި ވެސް އަމަލުކުރާ ގޮތަށް ގެނައި އިސްލާހެކެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދަށް އެފަދަ އިސްލާހެއް ގެނެސްފައިވާއިރު، މިދިޔަ މެއި މަހުގެ ތެރޭގައި ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ހޯއްދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އިންތިހާބުގައި ވާދަކުރުމަށް ގާނޫނީ ގޮތުން މަގުތައް ބަންދުވެފައިވާތީ އެމަނިކުފާނަށް ލިބިވަޑައިގަތް ޓިކެޓް ދޫކޮށްލައިފައެވެ.
މިހާރު ބެލެވިފައިވާ ގޮތުގައި، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ނުކުންނަވާނީ އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އެވެ.