01 Jul 2018, 10:23
ތެޔޮ އުފައްދާ މިންވަރު އެތެރެކޮށްދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަރަބިއާގައި އެދިއްޖެ އެވެ.
ޓްރަމްޕް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީރާނާއި ވެނެޒުއޭލާގައި ކުރިއަށްދާ ހަމަނުޖެހުންތަކާ އެކު ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް ސައުދީ ރަސްގެފާނުގެ އަރިހުން އެދިފައިވާ ކަމަށެވެ. އެގޮތުން މިހާރު ތެޔޮ އުފައްދާ މިންވަރަށް ވުރެ 2،000،000 ފީފާ އިތުރަށް އުފެއްދުމަށް އެދިފައިވާނެ ކަމަށާއި އެކަމަށް ރަސްގެފާނު އެއްބަސްވެވަޑައިގެންފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
ތެލުގެ އަގު އުފެލެމުންދާ މި ދަނޑިވަޅުގައި، ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ޓްރަމްޕް ސައުދީގައި އެދިފައިވާކަން ސައުދީ ސަރުކާރުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
ސައުދީ ސަރުކާރުގެ ރަސްމީ ނޫސް އެޖެންސީ، ސައުދީ ޕްރެސް އެޖެންސީ އިން ބުނީ ޓްރަމްޕްގެ ކޯލެއް ސަލްމާނު ރަސްގެފާނަށް ލިބިލެއްވި ކަމަށެވެ. ދެބޭފޫޅުން މަޝްވަރާކުރެއްވީ ތެލުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ކަމަށާއި ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށެވެ.
ސައުދީ އިން މިދިޔަ މަހު ދުވާލަކު 11 މިލިއަން ފީފާގެ ތެޔޮ އުފައްދާފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ތެލުގެ އަގު އުފުލެމުންދާތީ، އޯޕެކްގެ ގައުމުތަކުން ވަނީ މިދިޔަ މަހު ވިއޭނާގައި ބައްދަލުކޮށްފަ އެވެ. އަގު އެއްވަރެއްގައި ހިފެހެއްޓުމަށް މެންބަރު ގައުމުތަކުން ވަނީ އެއްބަސްވެފަ އެވެ.