ރާއްޖޭގެ ގާނޫނައި ގަވައިދުތަކުގެ ތެރެއިން ކަންކަން ކުރައްވީ ގޮތް ކަނޑައަޅާފައިވީ ނަމަވެސް ބައެއް ކަންކަން ވަކިގޮތަކަށް ކުރުމަށް ބޭރުގެ ނުފޫޒުން މަޖުބޫރު ކުރުވާކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ށ. ކަނޑިތީމަށް މިއަދު އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ މަޖުބޫރުކުރުންތައް ސަރުކާރަށް ފޯރަނީ ޑިމޮކްރަސީގެ ނަމުގައި ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވަކި ކަންކަމެއް މަގުފަހި ކުރުމަށް ބާރު އަޅައި އެކަންކަން ކުރުވަން ބޭރުގެ ނުފޫޒު ފޯރާނެ ކަމަށް ބުނެ އެކި މީޑިއަމް ތަކުގައި ވާހަކަ ދައްކަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ އެކަންކަމަކީ ދިވެހީންގެ ބަޔަކު އަޑީގައި ތިބެގެން ކުރުވަން އުޅޭ ކަންކަން ކަމަށާއި އެ ނުފޫޒު ފޯރަނީ ދިވެހީންގެ ބަޔަކު އެގޮތަށް ބޭނުންވާތީ ކަމަށެވެ.

އެފަދަ މަސައްކަތް ކުރާ ދިވެހީންނެކޭ ހަސަން ތާޖުއްދީންގެ ދެ ދަރިންނެކޭ ހުރީ ކޮންތަފާތެއްތޯ ވިދާޅުވެ ރައީސް ސުވާލު އުފެއްދެވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބޭރުގެ ނުފޫޒުތައް އެންމެ ބޮޑަށް ރާއްޖެއަށް ފޯރާ ހިސާބުތަކަށް ސަރުކާރުގެ ވަފުދުތައް ފޮނުވާ ކަމަށާއި މިދިޔަ ހަފްތާތެރޭގައިވެސް އެފަދަ ވަފުދެއް ބޭރުގެ ބައެއްގެ ގާތަށް ފޮނުވައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

"ވަކި ކަހަލަ މިނިވަން ކަމަކަށް، ހައްގަށް ހުރަސްއަޅައި ވަކި ކަންތައްތަކެއް ކުރުވަން ބޭރުގައި ތިބެގެން މަޖުބޫރު ކޮށްގެން ބޭރުގެ ބަޔަކު ލައްވައި. ބޭރުގެ ވަރުގަދަ ނުފޫޒު ހުރި ގައުމުތަކެއް ލައްވައި މަޖުބޫރު ކުރުވުމަކީ ރާއްޖޭގެ މުސްތަގުބަލާ މެދު ވިސްނާ ކޮންމެ މީހަކު ވިސްނަންވާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާރު މަޖުބޫރު ކުރާ ކަންކަމުގެ އިތުރުން މާދަމާ އެހެން ކަމަކަށް ނުފޫޒު ގަދަ ގައުމުތަކުން މަޖުބޫރު ކުރާނެ ކަމަށެވެ. ސުވާލަކީ ދެން ވެރިކަމަށް އަންނަ ބަޔަކު ބޭރުން އެގޮތަށް ފޯރުވާ ނުފޫޒު ގަބޫލުކޮށް ޒަމާނުންސުރެ ދިވެހީން މަނާވެގެން ތިބި ކަންކަން އަލުން ހުއްދަކުރާނީތޯ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.