ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކުރިއަށް އޮތް ތިން ފިލްމެއް ރިލީޒްކުރާ ތާރީޚު ހާމަކޮށްފިއެވެ.

ޑާކްރެއިން އިން އެންމެ އަވަހަށް ސްކްރީނަށް ގެންނާނެ ފިލްމަކީ ޖުމައްޔިލް ނިމާލު ލީޑު ރޯލުން ފެނިގެންދާ "ގޮށްރާޅު" އެވެ. ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމު ރިލީޒްކުރާނީ އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.

ކުރިން އެ ފިލްމު އެޅުވުމަށް ހަމަޖެއްސީ އޭޕްރިލްގައެވެ.

ފިލްމު ފަސްކޮށްލަން ޖެހުނު މައިގަނޑު ސަބަބަކީ ރާއްޖޭގެ ސިޔާސީ މަސްރަހް މިހާރު އޮތް ގޮތުން ކަމަށް ވެސް އޭނާ ވަނީ ސަން އަށް ބުނެފައެވެ.

"އިލެކްޝަންތައް އޮންނާނެ. ރިޔާސީ އިންތިހާބު ވެސް އޭރަށް ވާއިރަށް ނިމި ހަމައަކަށް އެޅޭނެކަމަށް މި ބަލަނީ،" އޭނާ ކުރިން ބުންޏެވެ.

"ގޮށްރާޅަކީ މަސައްކަތުގެ ތެރެއިން މީހަކު އުފައްދާ ހަމަނުޖެހުމަކަށް ކިޔާ ނަމެއް،"

އެ ފިލްމަކީ ކްރައިމް ތްރިލާ ފިލްމެކެވެ. ގޮށްރާޅު ޑައިރެކްޓް ކުރަނީ އަހުމަދު ޝިނާން އެވެ.

ޑައިރެކްޓަރު މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް ހަދާ އެ ފިލްމުގެ ތަރިންގެ ގޮތުގައި ފެނިގެންދާނީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ޔަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

"ގޮށްރާޅު" ސްކްރީނަށް ގެނައުމަށްފަހު ދެން އެންމެ އަވަހަށް ޑާކްރެއިން އިން ގެނެސްދޭނީ "މާމުއި" އެވެ. ބޮޑު ކާސްޓެއް ފެނިގެންދާ، ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "މާމުއި" އަޅުވާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުގައެވެ.

މާމުއިގެ ޝޫޓިން މިހާރު ކުރިއަށްދާއިރު އެ ފިލްމަކީ އައިޝަތު ފުއާދު އަދި އަލީ ޝިފާއުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރުކުރާ ތަފާތު ފިލްމެކެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.

ކާމިޔާބު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ އެ ފިލްމުގެ ކާސްޓަށް އިތުރުވި ތަރިންނަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް އެވެ.

ފިލްމު މާމުއި އިން މި ދާއިރާ އަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ހިމެނޭނެ އެވެ.

"މިއީ ޑާކްރެއިން އިން އުފައްދާނެ އެންމެ ބޮޑު އަދި ތަފާތު ޕްރޮޖެކްޓް،" މީގެ ކުރިން ސަން އަށް ދިން އިންޓަވިއުއެއްގައި މޮގާ ބުންޏެވެ.

ޑާކްރެއިންއިން މިވަނީ އަނެއްކާ ވެސް ފިލްމެއް ދާދި ފަހުން އިއުލާންކޮށްފައެވެ. ފަހަރަކު ފިލްމެއް އިއުލާން ކުރަމުން، މޮޅު އަދި އިބްރަތްތަކެއް ލިބިދޭ ފިލްމުތަކެއް މުޖުތަމައުއަށް ދޫކޮށްލަމުން އަންނަ ޑާކްރެއިން ދެން އެންމެ އަވަހަށް ފަށާނީ "ނޮވެމްބަރު"ގެ މަސައްކަތެވެ. "މާމުއި" ޝޫޓިން އަށް ފަހު އެ ފިލްމުގެ ޝޫޓިން ފަށާނެ އެވެ. އެ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު އެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ "ނޮވެމްބަރު"ގެ ނަމުން ނަންދީފައިވާ އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރު ކުރާނީ އައިޝަތު ފުއާދު އަދި މަރިޔަމް ނަދްރަތު ކަމަށެވެ.

ފިލްމުގެ ކާސްޓުން އަދި އިއުލާންކޮށްފައިނުވާއިރު ފިލްމުގެ ކާސްޓުން އަވަސް މުސްތަގްބަލެއްގައި އެނގިގެން ދާނެއެވެ.

މޮގާ ބުނީ "ނޮވެމްބަރު"ގެ ޝޫޓިން ކުރިއަށްދާނީ މާލޭގެ އިތުރުން ސިންގަޕޫރުގައި ކަމަށެވެ.

ޑާކްރެއިން އަކީ މިވަގުތު ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ގަދަ އަށް ފިޔަ ޖަހާ އެއް ޓީމެވެ. އިބްރަތްތެރި ރީތި ދިވެހި ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް އެ ޓީމުން ވަނީ ގެނެސްދީފައެވެ. ހެއްވާ މަޖާ އަދި ރޮއްވާލާ ތަފާތު ޖޯންރާތަކުގެ ފިލްމުތައް ވަނީ ގެނެސްދީފައެވެ. ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކުރިއަށް ހުރި ފިލްމުތައް ވެސް ރީތި ވާނެ ކަން ޔަގީނެވެ.