04 Jul 2018, 09:28
ކުއަލަލަމްޕޫރު(ޖުލައި 4): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްފިއެވެ.
އިއްޔެ މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހައްޔަރުކުރި ނަޖީބުގެ މައްޗަށް ކޮށްފައި ވަނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ހިޔާނާތްތެރިވުމުގެ ތިން ދައުވާއެކެވެ.
އެދައުވާތައް ކޮށްފައި ވަނީ މެލޭޝިއާގެ އިންވެސްޓްމެންޓު ފަންޑު، ވަންއެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްއިން ނަޖީބުގެ އެކައުންޓަށް 10.4 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައެވެ.
ނަޖީބުގެ މައްޗަށް ވަނީ ވަންއެމްޑީބީން އޭނާގެ އެކައުންޓަށް 700 މިލިއަން ޑޮލަރާ ގާތް ކުރާ ވަރަށް ފައިސާ ޖަމާ ކުރި ކަމަށް ތުހުމަތުކޮށްފައެވެ.
ނަމަވެސް އެމައްސަލައިގައި ނަޖީބު ކުށްވެރި ނުވާ ކަމަށް އޭނާގެ ވެރިކަމުގައި ކޯޓަކުން ނިންމި ނަމަވެސް، މިދިޔަ މެއި މަހު ވެރިކަމަށް ވަޑައިގެންނެވި މަހާތިރު މުހައްމަދު ވަނީ އެމައްސަލަ އަނެއްކާވެސް ތަހުގީގު ކުރަން ނިންމަވައިފައެވެ.
އަދި އެތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ނަޖީބާ ގުޅުން ހުރި ހަ އެޕާޓްމެންޓެއް ފާސްކޮށް، އެއެޕާޓްމެންޓުތަކުން ފެނުނު ތަކެތީގެ އަގު 275 މިލިއަން ޑޮލަރަށް އަރާ ކަމަށް ބުނެފައެވެ.
ނަޖީބު ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ތަކުރާރުކޮށް ދޮގު ކުރައްވައިފައެވެ. އަދި އިއްޔެ އޭނާގެ ޓުވިޓާގައި ހިއްސާ ކުރެއްވި ވީޑިއޯއެއްގައި ވަނީ އެތުހުމަތުތައް ގަބޫލު ނުކުރުމަށް މެލޭޝިއާގެ ރައްޔިތުންނަށް ގޮވާލައްވައިފައެވެ. (ބީބީސީ)