މީގެ އަށް އަހަރު ކުރިން ރިލީޒް ކުރި ކާމިޔާބު ފިލްމު "އުޑާން"ގެ ދެވަނަ ބައެއް އުފައްދަން ޑައިރެކްޓަރު ވިކްރަމްއަދިއްތުޔަ މޮތުވާނޭ ތައްޔާރުވެއްޖެއެވެ.

"އުޑާން" އަކީ މޮތުވާނޭގެ ފުރަތަމަ ޑައިރެކްޝަން ނަމަވެސް، އޭނާ ވަނީ އެ ފިލްމުން ވެސް އޭނާގެ ހުނަރުވެރިކަން ސާބިތުކޮށްދީފައެވެ. ފިލްމުގައި ނަން މަޝްހޫރު ތަރިންތަކެއް ނުހިމެނުނު ނަމަވެސް، ފިލްމު ވަރަށް ފުރިހަމައެވެ.

"އުޑާން"ގެ ވާހަކަ ބިނާކޮށްފައި ވަނީ 17 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ކޮއްކޮ އާއެކު، ރުންކުރު އަދި އަނިޔާވެރި ބައްޕަގެ ކިބައިން ސަލާމަތްވާ ގޮތުގެ މައްޗަށެވެ.

ބޮކްސް އޮފީހުގައި ފިލްމަށް ވަރަށް ރަނގަޅު ކާމިޔާބެއް ލިބުނު އިރު، ބެލުންތެރިންނާ ކްރިޓީކުންގެ ތައުރީފު ވެސް ލިބިގެން ދިޔައެވެ. ފިލްމު ރިލީޒް ކުރިތާ އަށް އަހަރު ފަހުން، މޮތުވާނޭ މިވަނީ "އުޑާން 2" ގެ މަސައްކަތް ފަށައިފައިވާ ކަން ހާމަކޮށްފައެވެ.

ފިލްމުގެ ވާހަކަ އާއި ސްކްރީންޕްލޭގެ މަސައްކަތް މިހާރު ނިމިފައި ވާއިރު، ފިލްމުގެ ކާސްޓު ވެސް ވަނީ ފައިނަލް ވެފައެވެ.

ސީކުއެލްގައި ވެސް ފެނިގެން ދާނީ "އުޑާން" އިން ފެނުނު ފަންނާނުންނެވެ. ކާސްޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. "އުޑާން" އިން ފެނިގެން ދިޔައީ ރޮނިތު ރޯއީ، ރާމް ކަޕޫރު، ރަޖަތު ބަރުމޭޗާ، އަދި ނަވްޖޯތު ސިންގ އެވެ.

"އުޑާން"ގެ ސީކުއަލް އިން ފެނިގެން ދާނީ 10 އަހަރު ފަސް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.