ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ކެމްޕެއިނަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވަން އެމަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޝަހީމް އެހެން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިން މޭޓަކަށް އޭނާ ހަމަޖެއްސުމަށް ނިންމުމާ ގުޅިގެން ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީގެ ނިންމުން ޑރ. ޝަހީމް އުފަލާއެކު ބަލައިގަތް ކަމަށާއި ޕާޓީއާއެކު ކުރިއަށް ވަޑައިގެން ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުމަށް ޖޯޝުގައި ހުރި ކަމަށެވެ.

"އަދި ހަމަ ވިދާޅުވި މާދަމާއިން ފެށިގެން ރާއްޖޭގެ ކަންކޮޅުތަކަށް ވަޑައިގަތުމުގެ ވިސްނުންފުޅު މިހާރު ގެންގުޅުއްވަނީ. ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމުގެ ވާހަކަ އަޅުގަނޑުމެން ގާތު ވިދާޅުވި ދެންމެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމުން އިންތިޒާމްތައް ހަމަޖައްސައި ދިނުމުން ހއ. އަތޮޅުން ފެށިގެން އައްޑޫއާ ދެމެދު ހުރިހާ ރަށަކަށް ޑރ. ޝަހީމް ވަޑައިގެން ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދޭނެ ކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. ޑރ. ޝަހީމްއާއެކު ބޭއްވި ބައްދަލުވުމުގައި އުފާވެރި ގިނަ ހަބަރުތަކެއް އޭނާ ދެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެގޮތުން ޑރ. ޝަހީމް ވެގެން ދާނީ ރާއްޖެއިން ފެންނާނެ އެންމެ ވަފާތެރި ނައިބު ރައީސް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.