ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން ދައްކަންޖެހޭ އިދާރީ ފީ 100،000 ރުުފިޔާއަށް ބޮޑުކުރުމަށް، ރައްޔިތުންގެ މަޖިލީހުން ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި އިސްލާހު ތަސްދީގުކުރެއްވުމާ ގުޅިގެން މިއަދު ވަނީ އިސްލާހު ގެޒެޓުކޮށްފައެވެ. ގެޒެޓު ކުރުމާ އެކު މިއަދުން ފެށިގެން އިސްލާހަށް އަމަލުކުރަން ފަށާނެއެވެ.

އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ޑިޕޮސިޓުގެ ގޮތުގައި ބަހައްޓަން ޖެހޭނީ 100،000 ރުފިޔާއެވެ.

މީގެ ކުރިން ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ޑިޕޮސިޓުގެ ގޮތުގައި ބަހައްޓަން ޖެހެނީ 40،000 ރުފިޔާއެވެ.

ރިޔާސީ އިންތިޚާބުގެ ގާނޫނަށް ގެނައި މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 31 މެންބަރަކު ވޯޓު ދެއްވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 ގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސްއިން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އިންތިޚާބު ބާއްވާނެ ތާރީޚެއް ކަމަށް އިއުލާނުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ރިޔާސީ އިންތިޚާބަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވަނީ ޕީޕީއެމްގެ ފަރާތުން ދެވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި އަމިއްލަ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިނެވެ.