ބޭންކޮކް(ޖުލައި 10): ތައިލޭންޑުގެ ތަމް ލުއަންގް ހޮހޮޅައިގައި މިދިޔަ މަހު ތާށިވި ހުރިހާ ކުދިންނާއި އެކުދިންގެ ކޯޗު ހޮހޮޅައިން ނެރެފިއެވެ.

އެ 12 ކުދިންނާއި އެކުދިންގެ ކޯޗު ހޮހޮޅައިން ނެރުމުގެ މަސައްކަތް ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ.

އެދުވަހު ހަތަރު ކުދިން ހޮހޮޅައިން ނެރުމަށް ފަހު އޮކްސިޖަން ފުޅިތައް ރީފިލް ކުރުމަށާއި، އަނެއް ދުވަހުގެ މިޝަންއަށް ތައްޔާރުވާން ޑައިވަރުންނަށް ފުރުސަތު ދިނުމަށްޓަކައި ރޭގަނޑުވުމުން މަސައްކަތް ހުއްޓާލިއެވެ. އަދި އިއްޔެ ވެސް މަސައްކަތް ހުއްޓާލީ ހަތަރު ކުދިން ސަލާމަތް ކުރުމަށް ފަހުގައެވެ. އެ އަށް ކުދިންގެ ހާލުވެސްކަމަށް ތައިލޭންޑުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެ ފަހުން މިއަދު ހޮހޮޅައިގައި ތިބި ކުދިން ނެރުމުގެ މަސައްކަތް ފެށީ ހެނދުނެވެ. އަދި ތައި ނޭވީ ސީލްސްގެ ފޭސްބުކު އެކައުންޓު މެދުވެރިކޮށް ވަނީ ހުރިހާ ކުދިންނާއި އެކުދިންގެ ކޯޗު ހޮހޮޅައިން ނެރެފައިވާ ކަން ޔަގީންކޮށްދީފައެވެ.

އެ ހޮހޮޅައިގައި ދެން ތިބީ އެކުދިންނަށް ފަރުވާ ދިން ޑޮކްޓަރާއި ތިން ނޭވީ ސިފައިންނެވެ. އަދި އެހަތަރު މީހުންވެސް ވަރަށް އަވަހަށް ހޮހޮޅައިން ނުކުންނާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ވައިލްޑް ބޯ ނަމަކަށް ކިޔާ ފުޓުބޯޅަ ޓީމަކަށް ނިސްބަތްވާ އެކުދިން މިދިޔަ މަހުގެ 23ގައި ހޮހޮޅައަށް ވަނީ އޭގެ ތެރެއިން ކުއްޖެއްގެ އުފަން ދުވަސް ފާހަގަ ކުރުމަށްޓަކައެވެ. ނަމަވެސް ވާރޭ ވެހި ހޮހޮޅައިގައި ފެންބޮޑުވުމުގެ ސަބަބުން އެކުދިން ހޮހޮޅައިގައި ތާށިވީއެވެ.

އަދި ތައިލޭންޑުގެ އަސްކަރިއްޔާއިން އެކުދިން ހޯދުމަށް ސާޗް އެންޑް ރެސްކިއު މިޝަނެއް އެދުވަހު ފެށި ނަމަވެސް ހޮހޮޅަ ތެރެއިން އެކުދިން ހޯދުނީ އޭގެ 10 ދުވަސް ފަހުންނެވެ. އެކުދިން ސަލާމަތް ކުރުމުގެ މަސައްކަތުގައި އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، އެމެރިކާ، ޗައިނާ އަދި ޖަޕާންގެ މާހިރުން ބައިވެރިވެފައިވެ އެވެ.