އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓުން ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދީފި އެވެ.

މިއަދު އެންވަޔަރަމެން މިނިސްޓަރު ތޯރިގު އިބްރާހިމާއި ހައުސިންގް މިނިސްޓަރު މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްރަކާ ބެހޭ މައުލޫމާތު ވަނީ ދެއްވާފަ އެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ 40 މިލިއަން ޑޮލަރުގެ ތެރޭން 20 މިލިއަން ޑޮލަރު ރަށްރަރުގެ ނަރުދަމާ ގާއިމް ކުރުމަށާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހަރަދު ކުރެއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހދ. ނެއްލައިދޫ، ނޭކުރެންދޫ، މަކުނުދޫ، ށ. ފޭދޫ، ގދ. ވާދޫ އަދި ފިޔޯރީގެ ނަރުދަމާގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ. އޭގެ އިތުރުން ސ. މީދޫ އާއި ށ. މަރޮށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އޮޕެކް ފަންޑުން ދީފައިވާ ފައިސާގެ ތެރެއިން ހައުސިންގް މިނިސްޓްރީގެ ޕްރޮޖެކްޓްތަކަށް ޖުމްލަ 13.5 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ. އެ ފައިސާއިން ގއ. ކޮލަމާފުއްޓާއި، ގދ. ހޮޑެއްދޫ އަދި މަރަދޫ ފޭދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

އެހުރިހާ ޕްރޮޖެކްޓެއްގެވެސް އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

އެ ފައިސާއިން ޕްރޮޖެކްޓް ހިންގާނެ ރަށްރަށް ކަނޑައަޅާފައިވަނީ މިހާރު އެންމެ ބޮޑަށް ބަނޑަރާއި ނަރުދަމާ އަދި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ރަށްރަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ. މިހާރުވެސް ރާއްޖޭގެ ރަށްރަށުގެ 75 ޕަސެންޓް ނަރުދަމާގެ މަސައްކަތް މި ސަރުކާރުން ފުރިހަމަ ކޮށްފައިވާ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ބަނދަރު މަރާމާތު ކުރުމާއި އަލަށް ބަނދަރު ހެދުމާ އެއްކޮށް ޖުމްލަ 100 އަށް ވުރެ ގިނަ ރަށްރަށުގެ ބަނދަރަށް މި ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށެވެ.

އޮޕެކް ފަންޑުން ދިން ފައިސާގެ ތެރެއިން 6.5 މިލިއަން ޑިލަރު ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ފ. ނިލަންދޫގެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތަށް ކަމަށްވެސް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.