17 Jul 2018, 12:07
އިދިކޮޅު ފަރާތްތަކުން ރިޔާސީ ރޭހަށް ނިކުމެ އުޅެނީ ހުސްއަތާ ކަމަށާއި އެމީހުންގެ އެއްވެސް ތަޞައްވުރެއް ނެތް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދު ރަހީމު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހދ. ނޮޅިވަރަމުގެ ނަރުދަމާ ނިޒާމު އިފްތިތާހު ކުރުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމު ވިދާޅުވީ އިދިކޮޅުން ރިޔާސީ ރޭހަށް ނެރެފައިވާ ކެނޑިޑޭޓާއި ރަނިންމޭޓު ދައްކަނީ މުޅިންވެސް ނުކުރެވޭނެ ކަންތަކުގެ ވާހަކަ ކަމަށާއި ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމުގެ ވާހަކަ އެފަރާތްތަކުން ނުދައްކާ ކަމަށެވެ.
"ބިނާ ކުރުވަނިވި، ރައްޔިތުންނަށް އޭގެ ސަބަބުން ފައިދާއެއް ކުރާނެ ކަހަލަ އެއްވެސް ވާހަކައެއް ދައްކާ އަޑެއް އަޅުގަނޑުމެންނަކަށް ނީވޭ. އެމީހުންގެ ތަސައްވަރެއް ނެތީމާ އެހެން އެވަނީ. ހުސްއަތާ ރިޔާސީ ރޭހަށް ނިކުމެ ވަޑައިގަންނަވާ ބޭފުޅުންނަކަށް ރައްޔިތުންނަށް ފައިދާ ވާ ވާހަކައެއް ނުދެއްކޭނެ،" އަބްދުރަހީމު ވިދާޅުވިއެވެ.
އިދިކޮޅަށް އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ވެރިކަމާ ހަވާލުވާ ދުވަހު ޖަލގައި ތިބި ސިޔާސީ ކުށްވެރިން ދޫކޮށްލާނެ ކަމަށް އިދިކޮޅު ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވާ ވާހަކައަށް ރައްދުދެއްވައި އަބްދުރަހީމު ވިދާޅުވީ ކުށްވެރިން ދޫކޮށްލުމަކީ ރައީސް އަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ހެދިފައި ހުރި ގާނޫނުތަކުގެ ތެރެއިން، ގާނޫނީ ހަމަތަކުގެ ތެރެއިން ނޫނީ އެކަމެއް ނުކުރެވޭނެ. މީގެންވެސް އެނގެގެން ދަނީ އެބޭފުޅުންގެ ތަސައްވަރެއް ނެތްކަން. އެބޭފުޅުންގެ ވިސްނުމެއް ނެތްކަން. ރާއްޖޭގެ ވެރިކަން ކުރުމަށް ތަސައްވަރެއް ނެތްކަން. އެބޭފުޅުންނަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ޝަރުތު ހަމަ ނުވާކަން،" އަދުރޭ ވިދާޅުވިއެވެ.
އަބްދުރަހީމު ވިދާޅުވީ ގާނޫނުގެ ހަމަތަކާ އުސޫލުތައް ނޭނގޭ ބަޔަކަށް ވެރިކަން ނުކުރެވޭނެ ކަމަށެވެ.
ރައީސް ނަޝީދުވެ ވެރިކަމުގެ ދުވަސްވަރަށް އިޝާރާތް ކުރައްވައި އަބްދުރަހީމު ވިދާޅުވީ އޭރުވެސް ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް އެއްވެސް އެއްޗެއް ހިއްޕަވައިގެން ނޫން ކަމަށެވެ.
ތަސައްވަރެއް ހިއްޕަވައިގެން ވެރިކަމަށް ވަޑައިގަތުމުގެ ފައިދާ އާއި ނަތީޖާ މި ސަރުކާރުން ފެންނަކަމަށް އަބްދުރަހީމު ވިދާޅުވިއެވެ. ގާނޫނުގެ ބާރު ރައްޔިތުންގެ މައްޗަށް ހަމަހަމަ ކަމާއެކު ހިންގާތަން މިހާރު އެބަ ފެންނަ ކަމަށާއި، ރާއްޖޭގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުމުގެ ނަތީޖާވެސް ފެންނަ ކަމަށް އަބްދުރަހީމު ވިދާޅުވިއެވެ.
ރާއްޖެ ދަރަނިވެރިވާ ވާހަކަަ އިދިކޮޅުން ދައްކާ ކަމަށާއި، އެ ދަރަންޏަކީ ރައްޔިތުންނަށް ބޭނުންވާ ކަންތައް ފުރިހަމަކޮށްދިނުމަށް ނަގާ ލޯނު ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
" ތިރީސްް އަހަރުގެ ވެރިކަން ނިމިގެން ދިޔައިރު ދަރަނި ހުރީ ފަސް ބިލިއަނުގައި. އެމްޑީޕީގެ ސަރުކާރު ނިމިގެން ދިޔަައިރު ރާއްޖޭގެ ދަރަނި 23 ބިލިއަނަށް ވަނީ އަރާފައި. ރައީސް ވެރިކަމާ ހަބާލުވިއިރު ދަރަނި ވަނީ 28 ބިލިއަނަށް އަރާފައި. ރައީސ ޔާޔާމީނުގެ ސަރުކާރުން 13 ހާސް މިލިއަނުގެ ދަރަނި ވަނީ އަދާކޮށްފައި،" އަބްދުރަހީމު ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ދިވެހިން ބޭނުންވަނީ ދިވެހިންނަށް ބޭނުންވާ ކަންތައް ލޯނު ނަގައިގެންވެސް ކޮށްދެއްވާ، އެ ލޯނު އަދާކުރައްވާ ވެރިއެއް ކަމަށާއި، އެ ވެރިއަކީ ރައީސް ޔާމީން ކަމަށެވެ.
"ވެރިކަމަށް މީހަކު ގެންނައިރު ވިސްނަންވީ ރައްޔިތުންގެ ތެރޭގައި ހުންނަ އާންމު އާދައިގެ ވިސްނުމަށްވުރެ މައްޗަށް ވިސްނުންފޯރާ މީހަކު ނޫނީ ވެރިކަމަށް ގެނެސްގެން ނުވާނެ. ގައުމު ތަރައްގީކުރެވޭނީ ތިމަންނަމެންނަށް ވުރެ މައްޗަށް ވިސްނުން ހުންނަ މީހަކު ވެރިކަމަށް ގެނެސްގެން،" އޭނާ ވިދާޅުވިއެވެ.
އަބްދުރަހީމް ވިދާޅުވީ ބްރިޖުއަޅައި އެއާޕޯޓު ތަރައްގީކޮށް ހުޅުމާލޭގެ ބިން ބޮޑު ކުރެވުނީ ރައްޔިތުންނަށް ވުރެ މައްޗަށް ވިސްނުން ގެންގުޅުއްވާ ބޭފުޅަކު ވެރިކަމަށް ގެނައުމުން ކަމަށެވެ.
އަދުރޭ ވިދާޅުވީ "2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުވެއްޖެނަމަ ރައްޔިތުންގެ ޚިޔާލަށް ނާންނަ ވަރުގެ ތަރައްގީ ގެނެސްދެއްވާނެ" ކަމަށެވެ. އެފަދަ ތަރައްގީ ގެންނަވާނެ ކަމުގެ ޔަގީންކަން ފާއިތުވި ފަސް އަހަރު ތެރޭގައި ސާބިތުކޮށްދެއްވައިފި ކަމަށްވެސް އަބްދުރަހީމު ވިދާޅުވިއެވެ.
ރައްޔިތުންނަށް ކުރެއްވި އިލްތިމާސްއެއްގެ ގޮތުގައި އަބްދުރަހީމު ވިދާޅުވީ ޕާޓީއަށް ވުރެ ބޮޑަށް ލޯބިވާންވީ އަމިއްލަ ރަށް ދެކެ ކަމަށެވެ.